ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށްދާ މިފަދަ ދަނޑިވަޅެއްގައި އެކި މަގާމުތަކަށާއި ވަޒީފާތަކަށް މީހުން އައްޔަނުކޮށް ނުހެދުމަށާއި އާ ވަޒީފާތަށް ވެސް ނުއުފެއްދުމަށް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައި ވަނިކޮށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަލަށް 26 މަގާމެއް އުފައްދާ އިއުލާނު ކޮށްފިއެވެ.
މިހިނގާ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ސްޓެލްކޯގެ އެގްޒެކެޓިވް އޮފިސަރ އަހުމަދު ޡުހޫރު ސޮއިކުރައްވާ ނެރުއްވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އެމަގާމުތަކަކީ ކުންފުނީގެ ހިންގުމުގެ ދާއިރާތައް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ އޮނިގަނޑުގައި ހިމެނޭ އިތުރު މަގާމުތައް ކަމަށެވެ.
އައު މަގާމުތަކެއް އުފެއްދިކަން ސްޓެލްކޯއިން އިއުލާނު ކުރިކަން ހާމަވެފައިވާއިރު، އެކުންފުނީގެ ދަރަނި ބޮޑުވެ މިއަހަރު ނިމޭއިރު ދަރަނި ފަސް ބިލިއަނަށް އަރާނެ ކަމަށް ސްޓެލްކޯގެ ސީއީއޯ ވަނީ އެެކުންފުނީގެ އަހަރީ ޖަލްސާގައި ވިދާޅުވެފައެވެ.