ސްޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްތަކާއި ގުޅިގެން ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި 12 މެންބަރުންގެ ތެރެއިން 4 މެންބަރުންގެ ގޮނޑި މިއަދު އަނބުރައި ލިބުމުން މެޖޯރިޓީ އޮތީ ކޯލިޝަނަށް ކަމަށާއި ރައީސް ޔާމީނު ބޭނުންފުޅުވާހައި ބައަކު ކަނޑުއްވައި އަދި ވައްދުވައި މިހާރު ނުހެއްދެވޭނެ ކަމަށް ކޯލިޝަން ޕީޖީ ގްރޫޕުގެ އިސް މެންބަރު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ރިޔާޟް އެވިދާޅުވި ބަސްފުޅުގެ މާނައަކީ މަޖިލީހުގެ ރުހުން ހޯދައިގެން ކޮމިޝަން ތަކަށާއި އެހެންވެސް މަޤާމުތަކަށް ހަމަޖައްސަން ޖެހޭ މީހުން މަޤާމުތަކަށް ހަމަ ޖެއްސުމުގެ ބާރު މިހާރު ރައީސް ޔާމީނަށް ގެއްލިވަޑައިގެންފައިވުމެވެ.
މިއީ މިވަގުތު ކޯލިޝަނަށް ލިބެން ކޮންމެހެން ބޭނުންވެފައިވާ ބާރެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ގިނަ ބައަކު އުންމީދުކުރަމުން ގެންދަނީ ސްޕްރީމް ކޯޓުން އަދި ގޮތެއް ނުނިމި ތިބި 8 މެންބަރުންގެ މައްސަލަވެސް ސްޕްރީމް ކޯޓުން އަވަހަށް ނިންމަވައި ދެއްވައި އެ މެންބަރުންގެ މަސްއޫލިއްޔަތުވެސް އަދާކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ.
ޤާނޫނީ ވަކީލް ޙިސާން ޙުސައިން މިއަދު ވިދާޅުވީ އެ 8 މެންބަރުންގެ މައްސަލައަކީވެސް މިއަދު ޙުކުމް ކުރެއްވި 4 މެންބަރުންގެ މައްސަލަ އާއި އެއްގޮތް މައްސަލަތަކެއް ކަމަށާއި ޙުކުމް އިއްވަވާނީ އެއް ގޮތަކަށް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.