ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ވިހި ރަށެއްގައި ނަރުދަމާ އަޅަން ހިންގަން އުޅުނު މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބަޔަކު ތުހުމަތުކޮށް އޭސީސީއަށް ހުސައަޅާފައިވާ މައްސަލައަކާ ގުޅިގެން، އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް މިދިޔަ ހަފުތާގައި އަންގައިފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި މި މަޝްރޫއު، ލަންކާގެ ކުންފުންޏެއް ކަމަށްވާ ހޭކާބްއާ ހަވާލުކޮށްފައި ވަނީ ވެސް ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަށެވެ.
އެ މައްސަލަތައް މިހާރު ބަލަމުންދާ ކަމަށް ބުނެ، އޭސީސީން ފެނަކަ އަށް އެންގީ މި މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް މިވަޤުތަށް މަޑުޖައްސާލުމަށެވެ.
އޭސީސީން މަޝްރޫއު މަޑުޖައްސާލަން އަންގާފައި ވަނިކޮށް، މި މަޝްރޫއާ ގުޅޭ ލޯންތަކެއްގައި ސޮއިކުރައްވަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން މި ހަފުތާގައި ސްރީ ލަންކާ އަށް ވަޑައިގެންނެވި ކަމަށް އަޑުތަށް ވަނި ފެތުރިފައެވެ.