މިވަގުތު ޤައުމުން ބޭރުގައި ތިއްބެވި އިލެކްޝަން ކޮމިޝަނުގެ އެއްވެސް މެންބަރަކު އެއްވެސް ގައުމަކުން ހިމާޔަތް ހޯދަން އެދިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް (އިސީ) އިން މިއަދު ބުނެފިއެވެ.
އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އެކޮމިޝަނުގެ އެއްވެސް މެމްބަރަކު ބޭރު ގައުމެއްގެ ހިމާޔަތަށް އެދިފައި ނުވާ ކަމަށެވެ. އަދި މިވަޤުތު ބޭރުގައި ތިއްބެވި މެންބަރުންނަށް އިޝާރާތް ކުރައްވާ އަކުރަމް އިތުރަށް ވިދާޅުވީ، ހަތަރު މެންބަރުންވެސް ބޭރުގައި އުޅުއްވަނީ އަމިއްލަ ކަމަކު ކަމަށެވެ.
މިވަޤުތު ރާއްޖެގައި ހުންނެވި ހަމައެކަނި އީސީގެ މެންބަރަކީ، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ. އީސީއިން މީގެ ކުރިން ބުނެފައި ވަނީ އެ މެންބަރުން ރާއްޖޭން ބޭރަށް ދުރުވީ އެބޭފުޅުންނަށް ގިނަ މަރުގެ އިންޒާރުތަކެއް ލިބެމުން ދަނިކޮށެވެ.