އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޤާއިމުކުރައްވާ ގުޅިފައިވާ ސަރުކާރުގެ އިސް މަޤާމުތަކުގައި، ސިޔާސީ ވަޒީފާ ތަކުގައި ތިއްބަވާނީ ޢިލްމީ، ޤާބިލު ބޭފުޅުން ކަމަށް ކޯލިޝަންގެ ޕީޖީ ގްރޫޕުގެ އިސް މެންބަރަކަށް ހުންނެވި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ރިޔާޟް ރޭ ވިދާޅުވީ ކޯލިޝަނުގައި 4 ލީޑަރުން ތިއްބެވުމާއިއެކު މަޤާމުތަކަށް ހުރިހާ ޕާޓީތަކުން ވެސް ކުރިމަތިލާނެ ކަމަށެވެ. ކުރިމަތިލި ނަމަވެސް މަޤާމުތައް ލިބޭނީ ކަމަށް ޤާބިލު ބައަކަށް ކަމަށާއި މަޤާމުތައް ހަވާލުކުރެވޭނީ ވަރަށް ރަނގަޅަށް ސްކްރީން ކުރެވިގެން ކަމަށެވެ.
ރިޔާޟް ވިދާޅުވީ ރާއްޖޭގައި ތިއްބެވި ތަޖުރިބާގެ ގޮތުންނާއި ޢިލްމީ ގޮތުން އެންމެ ޤާބިލު ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވީ ކޯލިޝަނުގައި ކަމަށެވެ. އެހެންކަމުން ޤާއިމުކުރެވޭ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހުރިހާ ގޮތަކުންވެސް އެންމެ ޤާބިލު ސަރުކާރަށް ކަމަށެވެ.
ގުޅިފައިވާ ކޯލިޝަނަކީ ހަމަ އެކަނި ވެރިކަން ބަދަލުކުރަން އުފެއްދި ކޯލިޝަނެއް ނޫން ކަމާއި ޤައުމަށާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންތައް ތަކެއް ފުރިހަމަކޮށްދިނުމަށް އުފެއްދި ކޯލިޝަނެއްކަން ފާހަގަކުރައްވައި ރިޔާޟް ވިދާޅުވީ ކޯލިޝަން ބަދަހި ކަމާއިއެކު ދެމި އޮންނާނެ ކަމަށާއި މަޖިލިސް އިންތިޚާބުގައިވެސް ކޯލިޝަނުން ނުކުންނާނީ އެއްބައެއްގެ ގޮތުގައި ކަމަށެވެ.