ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނީ ސިޔާސީ ހުރިހާ މަސައްކަތެއް ކުރެވޭގޮތަށް މިނިވަން ކަމާއެކު: ޙަސަން ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނީ ސިޔާސީ ހުރިހާ މަސައްކަތެއް ކުރެވޭގޮތަށް މިނިވަން ކަމާއެކު: ޙަސަން ލަޠީފް
ރައީސް މުޙައްމަދު ނަޝީދު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ރާއްޖެ ވަޑައިގަންނަވާނީ ސިޔާސީ ހުރިހާ މަސައްކަތެއް ކުރެވޭގޮތަށް މިނިވަން ކަމާއެކުކަމަށް އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޙަސަން ލަޠީފް މިއަދު ވިދާޅުވީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރި ޤާނޫނާއި ޚިލާފް ޙުކުމާއި ގުޅިގެން ޖުމުލަ 3 އަހަރާއި 9 މަހާއި 10 ދުވަހު ޖަލުގަ އާއި ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހުގައި ކަމަށެވެ.


ޙަސަން ލަޠީފް ވިދާޅުވީ ރައީސް ނަޝީދަށް ޕާޓީގެ ހުރިހާ މެންބަރުން ވެސް މަރުޙަބާ ދެންނެވުމަށް ބޭނުންވާތީ މަރުޙަބާ ދެންނެވުން އޮންނާނީ މާލޭގައި ކަމަށެވެ. "އެމަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލީބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. އެހެންވީމާ ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ ކަންކޮޅުތަކުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ބޭނުންވާ އެންމެން މާލެ ވަޑައިގަތުން އަޅުގަނޑުމެން އެދެނީ."

އެދުވަހު ހިންގާނެ ހަރަކާތްތައް ޢާންމުކޮށް ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ޙަސަން ލަޠީފް ވިދާޅުވީ ރައީސް ނަޝީދާއި މެދު ސަރުކާރުން އަމަލުކޮށްފައިވަނީ އިންޞާފުން ނޫންކަން ރާއްޖޭގެ ރައްޔިތުންނާއި މުޅި ދުނިޔެވެސް ބަލައިގެންފައިވާތީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ސަރުކާރުން އެއްވެސް ގޮތަކަށް އެމަނިކުފާނުގެ ހަށިކޮޅުގައި އަތްލެވޭ ގޮތަށް ނޫން ކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން