ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލް، ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު ރޭނިސް ސަލީމް ވިދާޅުވެއްޖެއެވެ.
މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށްފަހު ބޭރަށް ނުކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ "23 ސެޕްޓެމްބަރުގައި ބޭއްވި އިންތިޚާބު ހިނގަމުން ދަނިކޮށް އަދި ވޯޓު އެޅުމުގެ ކުރިން އަދި ވޯޓު އަޅަމުން ދަނިކޮށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ ރައީސް ޔާމީނަށް ސަޕޯޓަރުންގެ ފަރާތުންނާ އަދި އަޅުގަނޑުމެންނަށް ތާއީދުކުރާ ދިވެހި ރައްޔިތުންގެ ގިނަ ބައަކު ވަރަށް ގިނަ ޝަކުވާތަކެއް" ވަނީ ހުށަހަޅާފައި ކަމަށެވެ.
ސަލީމް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލުންގެ ޓީމުން ބަލަންޖެހޭ ބެލުންތައް ބަލައި ކުރަންޖެހޭ ދިރާސާތައް ކުރުމަށްފަހުގައި ކަމަށެވެ. "އެކަންކަމަށްފަހު ރައީސް ޔާމީނު ނިންމެވީ ސަޕޯޓަރުން އެބުނާ ކަންކަމުގައި ސްޕްރީމް ކޯޓަށް ހުށަހަޅއިގެން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށް. އެހެންވީމާ އެކަންކަމުގެ އަލީގާ ރައީސް ޔާމީން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ. ކޮންމެ ބައަކުވެސް މައްސަލައެއް ހުށަހަޅާނީ އެބައަކަށް ޤަބޫލުކުރެވޭ ހެކިތަކެއް ހުރުމުން. ހެކިތަކުގެ ވާހަކަތަކެއް މިއަދަކު ނުދެއްކޭނެ."
ސަލީމް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ އިންތިޚާބު ބާޠިލުކޮށްދިނުން އެދި ކަމަށް އަދި ވިދާޅުވެވެން ނެތް ކަމަށެވެ. "އެމަނިކުފާނު ހުށަހެޅުއްވީ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިގެން. ހަމަ ސަޕޯޓަރުންގެ ޙައްޤުގަ."
ސަލީމް ވިދާޅުވީ މައްސަލަ މިއަދު ހުށަހެޅި ނަމަވެސް ކޯޓުން މައްސަލަ ބަލައިގެންފައިވާކަން އަދި އަންގާފައި ނުވާ ކަމަށެވެ. އަދި އެކަން ނިންމަވާނީ ކޯޓުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކޯޓުން ކަމަށެވެ.
ސަލީމް ވިދާޅުވީ ޖޭއެސްސީގެ މެންބަރު ކަމުގައި ހުންނަވައިގެން ރައްޔިތުންގެ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވަން އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަކީވެސް ދިވެހި ރައްޔިތަކަށްވުމުން މި މައްސަލައިގައި ވަކާލާތު ކުރައްވަން އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނުގެ ލީގަލް ޓީމުގައި އެންމެ އިސްކޮށް ހުންނެވީ އޭނާ ކަމަށެވެ.
ސަލީމްގެ ވާހަކަފުޅު (އޯޑިއޯ):