ފްލެޓް ލިބުނު މީހުންގެ ލިސްޓުތައް އާއްމު ކުރަން ހައުސިން މިނިސްޓްރީގައި އިއްޔެ ނޫސްވެރިންނަށް ބޭއްވި ޕްރެސް ބްރީފިންގައި، މިނިސްޓަރު ޑރ. މުހއްމަދު މުއިއްޒު ވިދާޅުވީ 7،000 ފްލެޓް ދޫކުރާ މި ބުރުގައި ނުހައްގުން ފްލެޓު ދީފައި އޮތެކޭ ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
ފްލެޓު ދިނުމުގައި އަމަލު ކުރީ އިންސާފުވެރިކަމާ އެކު، ދިރިއުޅުމުގެ ހާލަތަށް ބަލައިފައި ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަދި މީގެ އިތުރުން ފްލެޓަށް ކުރިމަތިލީ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ހައުސިން މިނިސްޓްރީގެ ޓީމުތައް ގޭގެއަށް ޒިޔާރަތް ކުރި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވި ނަމަވެސް އެއީ، އޮޅުވާލައިގެން މިނިސްޓަރު ދެއްކެވި ވާހަކައެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ނުކުރާ ކަމަށް ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ކަށަވަރުކޮށްދެ އެވެ.
ފުލެޓަށް ކުރިމަތިލި ފަރާތަކުން 'މިއަދު' ނޫހަށް ބުނީ "އެހެން މީހެއްގެ ގެއަށް ދިޔަ ކަމެއް ނޭނގެ، ހަމަ ޔަޤީނުންވެސް މިގެޔަކަށް ހާލަތު ބަލަންށޭ ކިޔާފަ ނާދެ'' ކަމަށެވެ. ހޮތްހަމަ ނުޖެހި ހުރި ރާގަކަށް، އޭނަ އިތުރަށް ބުނީ "މިހިރީ ކަންތަށް ހުރިގޮތް، ފުރަތަމަވެސް އެއޮތީ ދޮގު ހަދާފަ، ދެން އިންސާފުން ދާނެ ގޮތެއް ބުނެބަލަ'' މިހެންނެވެ..