ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވިއިރު، މާސްޓާސް ހެދުމަށް ދައުލަތުގެ ޚަރަދުގައި ފޮނުވުމުން، ކިޔެވުން ފުރިހަމަ ކުރިކަމުގެ ލިޔުން ހުށަހަޅާފައި ނުވާތީ ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެކޮމިޝަނުން މިހެން ބުނެފައިވަނީ ޕީޖީ ބިޝާމް މާސްޓާސް ފުރިހަމަ ކޮށްފައިނުވާއިރު ވެސް، ދައުލަތުން ކުރި ޚަރަދު ހޯދަން މަސައްކަތް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި މައްސަލައިގައެވެ.
މިކަމާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ، މާސްޓާސް ޑިގްރީއަށް ކިޔަވަން ބިޝާމް އައި އޭޖީ އޮފީހައި ދެމެދު 10 ފެބްރުއަރީ 2010 އެއްގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ކޯސް ފުރިހަމަ ކުރުމަށް ބިޝާމް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކޯހުގެ މުއްދަތަށްފަހު އޭޖީ އޮފީހާއި ބިޝާމް 2011 ވަނަ އަހަރު އަލުން ގުޅިފައިވާ ކަމަށާއި ނަމަވެސް މާސްޓާސް ކޯށް ފުރިހަމަ ކުރެއްވި ކަމުގެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށާއި ކޯހަށް ދިޔަ ޚަރަދު ވެސް އަނބުރާ ދައްކާފައި ނުވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
ނަމަވެސް ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން ހުށަނޭޅުމުން އަމަލު ކުރާނެ ގޮތެއް އެއެއްބަސްވުމުގައި ނެތް ކަމަށާއި އެކަމަކު އެގޮތަށް ދެވޭ ސްކޮލާޝިޕްތައް ފުރިހަމަ ނުކުރާ ފަރާތްތަކުގެ އަތުން އަތުލުމަކީ އޭޖީ އޮފީހުން އަމަލު ކުރާ އުސޫލު ކަމަށްވާތީ ބިޝާމްގެ ކޯހަށް ކޮށްފައިވާ ޚަރަދުތައް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހުން މިހާރު ކުރަމުންދާ ކަމަށް އޭސީސީން ބުނެފިއެވެ.