ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް - ކޯޓަށް މައްސަލައެއް ވެއްދީ މަޤާމު ގެއްލިދާނެ ކަމުގެ ބިރު އޮތް ބައަކު މާލެތެރެ ހަލަބޮލިކުރަން: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް - ކޯޓަށް މައްސަލައެއް ވެއްދީ މަޤާމު ގެއްލިދާނެ ކަމުގެ ބިރު އޮތް ބައަކު މާލެތެރެ ހަލަބޮލިކުރަން: މާރިޔާ
ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި ސްޕްރީމް ކޯޓަށް ވެއްދީ މަޤާމު ގެއްލިދާނެ ކަމުގެ ބިރު އޮތް ބައަކު މާލެތެރެ ހަލަބޮލިކުރަން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ވަނީ ބަލި ޤަބޫލުކުރައްވާފައި ކަމަށާއި އެންމެފަހުން ދެއްކެވި ވާހަކަފުޅުގައިވެސް އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީން ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރައްވާކަން އެތައް ފަހަރަކު ރައްޔިތުންގެ ކުރިމަތީގައި ހާމަކުރައްވާފައި ކަމަށެވެ. އަދި އެމަނިކުފާނު ގެންނެވި ތަރައްޤީ ރައްޔިތުން ޤަބޫލު ނުކުރި ކމަށާއި ރައްޔިތުން އެމަނިކުފާނަށް ވޯޓު ނުލީ ކަމަށްވެސް ވިދާޅުވެފައި ކަމަށެވެ.

ވޯޓުލުމުގެ ކުރިންނާއި ވޯޓުލުން ކުރިއަށް ދިއައިރުވެސް ޕީޕީއެމްގެ ސަޕޯޓަރުން ޝަކުވާ ތަކެއް ހުށަހަޅަމުން ދިއަކަމަށް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލު މިއަދު ވިދާޅުވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ ރައީސް ޔާމީނު ބަލި ޤަބޫލު ކުރައްވައި ފުރަތަމަ ވާހަކަފުޅު ދެއްކެވީ ވެސް ވޯޓޫލީ ދުވަހުގެ ފަހު ދުވަހު ކަމަށެވެ. މާރިޔާ ފާހަގަކުރެއްވީ އެފަދަ މައްސަލަތަކެއް ހުރިކަން ކުރިންސުރެ އެނގިވަޑައިގެން ހުންނަވައި ވޯޓުލައި ނިމުނު ފަހުން އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރެއްވިއިރު އެފަދަ އެއްވެސް އިޝާރާތެއްވެސް ރައީސް ޔާމީނު ނުކުރައްވާ ކަމެވެ.

މާރިޔާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރާކަން ސިފައިންނާއި ފުލުހުން ވެސް ވަނީ ރަސްމީ ހައިޞިއްޔަތުން ހާމަކޮށްފައި ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކުރިއަށްދާނެކަންވެސް ފުލުހުންނާއި ސިފައިން ހާމަކޮށްފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމާއި ގުޅިގެން ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ޤާނޫނުގެދަށުން ކަނޑައަޅަންޖެހޭ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ކަނޑައަޅައި އެމަނިކުފާނުގެ އޮފީސް ވެސް އުފައްދައި އެ އޮފީހުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށާއި އެ މަސައްކަތްތަކަށް ސަރުކާރުގެ އިދާރާތަކުން އަންނަނީ އެއްބާރުލުން ލިބެމުން ކަމަށެވެ.

"ދެން މިފެންނަނީ ސަރުކާރު ނޫން އަނެއްފަރާތުގެ ތޮފި އަޅުއްވައިގެން ރައީސް ޔާމީން ވިދާޅުވެއްޖެ ކަންތަތްކެއް އެހެން ގޮތަކަށް ހިނގާފައިވާކަމަށް. އެހެންވިޔަސް ނަތީޖާ ޤަބޫލުކުރައްވާ ކަމަށް. ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަށްވެސް ނޫން ކަމަށްވެސް ވިދާޅެއް ނުވޭ." މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބު ނިމި ވޯޓުގެ ނަތީޖާ އިއުލާނުކުރުމާއި ހަމައަށް ޕީޕީއެމުން އިލެކޝަންސް ކޮމިޝަނަށް އިންތިހާއަށް އިތުބާރު ކުރި ކަމާއި ވޯޓުގެ ކުރިން ހިނގައިދިއަ ކަންތައްތަކުގައި ފެނިގެން ދިއައީ ޕީޕީއެމަށް ފައިދާކުރާނެ ކަންތައްތަކެއް ކުރެވެމުން ދިއަތަންކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ މިހާރު ސްޕްރީމް ކޯޓަށް މައްސަލައެއް ވެދުމުން ފެނިގެންދަނީ ސްޕްރީމް ކޯޓަށްވެސް އިހައިނެތިކޮށް ކަންކަން ކުރަން އުޅޭތަން ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ އާއިމެދު ކޯޓުން "އިތުރު ގޮތަކަށް ދެކެފާނެ" ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން