ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓަށް ވައްދައިފިނަމަ ނިމޭނީ ރަނގަޅު ގޮތަކަށްކަން ޔަޤީން ކުރައްވާ ކަމަށާއި އެމަނިކުފާނުގެ މައްސަލަ ވީހައި އަވަހަކަށް ސްޕރީމް ކޯޓަށް ވައްދައި ގޮތެއް ނިންމަން މަސައްކަތް ކޮށްދިނުމަށް ރައީސް ނަޝީދުގެ ވަކީލުންގެ ކިބައިން އާދޭސް ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިއަދު ވީޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކޯޓުގައި ކޮށްފައި އޮތް ދައުވާ އަނބުރާ ނަގައި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދައުވާ ކުރުމުން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް ފުރަތަމަ ވިދާޅުވެ ކަންބޮޑުވުން ފައުޅު ކުރެއްވީ ވެސް އެމަނިކުފާނު ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އަލްހާނުގެ ޓްވީޓް ރީޓްވީޓް ކުރެއްވީ އަލްހާނަކީ އިންތިޚާބުގައި ކޮން ގޮތަކަށް މަސައްކަތް ކުރި މީހަކުކަން އެނގިވަޑައި ނުގަންނަވާތީ ނޫން ކަމަށެވެ. ނަމަވެސް ބަސް ބުނި މީހާއަށް ނުބަލައި އެމީހަކު ބުނި ބަހަށް ބަލަން ޙަދީޘްފުޅުގައި އޮންނާތީ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި ސްޕްރީމް ކޯޓުން ގޮތެއް ނުނިންމާނަމަ ރާއްޖެ ވަޑައިގަންނަވާތަނުން ފުލުހުން ލައްވައި ހަޔަރުކޮށްގެން ޖަލަށް ގެންގޮސްފާނެކަމުގެ ބިރު އެބައޮތް ކަމަށާއި އެފަދަ ކަމެއް މެދުވެރިވުމަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން ރަށުތެރެ ހަލަބޮލިވުމަށް އެއްވެސް ފުރުޞަތެއް ލިބެން ބޭނުންފުޅު ނުވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ލީ ވޯޓަށްފަހު ދައުލަތުގެ މުއައްސަސާތަކަށް ވަނީ މިނިވަންކަން ލިބިފައި ކަމަށާއި ކޯޓުތަކުންވެސް އެގެންދަނީ ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކޮށް މައްސަލަތައް ނިންމަމުން ކަމަށެވެ. އެހެންކަމުން މިއީ ރައީސް ނަޝީދުގެ މައްސަލަ ވެސް ސްޕްރީމް ކޯޓަށް ހުށަހަޅައި އެމަނިކުފާނަށް ޤާނޫނުގެ ތެރެއިން މިނިވަންކަން ހޯދަން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. "އަޅުގަނޑަށް ވެސް އަދިވެސް މިނިވަން ކަމެއް ނުލިބޭ. ދޫކޮށްލާފައި މިހިރީ ކަފާލާތުގެދަށުން. މާދަމާ އެބައޮތް ހައިކޯޓަށް ކިޔާފަ. ރައީސް މައުމޫނާއި ފާރިޝް ވެސް ދޫކޮށްލީ ހަމަ ކަފާލާތުގެދަށުން."
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައަކީ ބައިނަލްއަޤްވާމީ މުޖުތަމައުން ކަންބޮޑުވާ އަދި ގޮތެއް ނިންމާފައިވާ މައްސަލައަކަށް ވުމުން މާފަސޭހައިން ކޯޓުތެރެއިން ޙައްލު ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. އެހެންކަމުން ވީހައި އަވަހަކަށް މައްސަލަ ކޯޓަށް ހުށަހަޅަން ވަރަށް އާދޭހާއިއެކު އިލްތިމާސްކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނުގެ 5 އަހަރުގެ ވެރިކަން ނިމިގެންދާއިރު މިހާރު އެ ހުންނެވީ 5 އަހަރު ތެރޭ ޢައްޔަނު ކުރެއްވި 6 ވަނަ ކޮމިޝަނަރ އޮފް ޕޮލިސް ކަމަށެވެ. އެހެންކަމުން ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުއްވަމުން ގެންދަވާ މިންވަރު މިއޮތީ ފެންނަން ކަމަށާއި ރައީސް ޔާމީނަކީ ޤާނޫނުން ބޭރުން ކޮންމެ މީހަކަށް، ކޮންމެ ފަދަ އަނިޔާއެއްވެސް ދެއްވައިފާނެ ވެރިއެއް ކަމަށާއި އެހެންކަމުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރަން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދަށް އަބަދުވެސް ހެޔޮއެދިވަޑައިގަންނަވާ ކަމަށާއި އަލްހާނުގެ ޓްވީޓް ރީޓްވީޓް ކުރެއްވީ ވެސް ރައީސް ނަޝީދަށް ހެޔޮއެދިވަޑައިގަންނަވާތީ ކަމަށެވެ. އެޓްވީޓުގެ ސަބަބުން ކަމުގެ ޙަޤީޤަތް ނުބަލައި ދެފަރާތުގެ އެކްޓިވިސްޓުން ބަސްތައް ބުނެފައިވާތީ ވަރަސް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ހަމަ ހިތަށް އެރުމުން ރުޅިވެރި ބަސްތައް ނުބުނު މަށާއި އަނބިދަރިންނާއި ބެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ޤާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.
ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (ވީޑިއޯ):