މިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ޤާނޫނު އަސާސީއާއި ހެދިފައިވާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެހެންކަމުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ސާބިތު ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން ޤަބްދުލްޤައްޔޫމް ވަނީ މިއަދު ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އެމައްސަލައިގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވިނަމަވެސް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހެކިތަކަކާއެކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެކަމާ ގުޅިގެން އީސީ ގެ ރައީސް ވިދާޅުވީ ދުސްތޫރީ މައްސަލައެއްގެ ޝަކުވާވާނެ ފަދަ އެއްވެސް ކަމެއް އިންތިހާބުގައި ހިނގާފައި ނުވާ ކަމަށާއި އިންތިހާބުގެ ކަންހިނގާއިދިޔަ ގޮތުގެ ރިޕޯޓުތަކުގައި ވެސް ނަތީޖާއަށް ބަދަލު އަންނަފަދަ ކަމެއް ފާހަގަ ކޮށްފައި ނެތް ކަމަށެވެ.
"މައްސަލައިގައި ބަލާނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމެއް ހިނގާފައިވޭތޯ. އެއީއެއް ސާބިތު ކުރެވޭނެ ކަންކަނެއް ނޫން. އަޅުގަނޑުމެންގެ ޤާނޫނީ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބީ" އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވިއެވެ.