ރައީސް ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް މިއަދު ވެއްދި ދުސްތޫރީ މައްސަލަ ކޯޓަށް ވެއްދެވުމަށްފަހު ޤާނޫނީ ވަކީލް ރޭނިސް ސަލީމް މީޑިއާއަށް މައުލޫމާތު ދެއްވަން ފަށްޓަވަމުން ކީރިތި ޤްރްއާނުން އިންޒާރު ދެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުވަތަ ސަރުކާރަށްކަން ސާފުނުވާކަމަށް ބުނެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.
ސަލީމް ފެށްޓެވީ ބަޤަރާ ސޫރަތުގެ އެންމެފަހު އާޔަތުންނެވެ. ވިދާޅުވީ "ﷲ، އެއްވެސް ނަފްސަކަށް، އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. އެނަފްސެއް ހޯދިހެޔޮކަމެއް (ޘަވާބެއް) އެ ނަފްސަކަށްވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢިޤާބް، ޢުޤޫބާތްތައް) އެނަފްސެއްގެ މއްޗަށް ވެއެވެ." މިހިސާބަށެވެ.
ޕީޕީއެމްގެ ސަޕޯޓަރުން ބުނަނީ ސަލީމް ފާހަގަކުރެއްވީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ނުވަތަ އެނޫންވެސް ބައަކު "ކުރި" ޤާނޫނާއި ޚިލާފް ކަންކަމުގެ ޢުޤޫބާތްތައް އެމީހުންނަށް ލިބޭނެކަން ކަމެވެ. އިންޞާފަށް ފިލައިގެން ނުއުޅެވޭކަން ކަމަށެވެ.
ކޯލިޝަނުގެ ސަޕޯޓަރުން ބުނަނީ އިންތިޚާބުގައި ބޮޑު ނާކިޔާބީއަކާއި ކުރިމަތިލާންޖެހުމުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން މިހާރު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރި ހުރިހާ ކަމެއް ކުރީ ޕީޕީއެމުންނާއި ސަރުކާރުން ކަމަށެވެ. ރީރަޖިސްޓްރޭޝަން މަރުހަލާގައި ސަރުކާރުގެ ކުންފުނިތަކުން މުވައްޒިފުންނަށް ބިރު ދައްކައިގެން ފޯމު ފުރުވުމާއި ބައެއް މުއައްސަސާތަކު މުވައްޒިފުންނަށް ވަކި ފޮށްޓަކަށް ވޯޓުލާން މަޖުބޫރު ކުރުވުމާއި ވަޒިފާގެ ބިރު ދެއްކުން ފަދަ ކަންކަން ކުރީ ސަރުކާރުން ކަމަށެވެ. އެހެންކަމުން ސަލީމުގެ އ ެއިންޒާރަކީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ އިސް މެންބަރެއްގެ ޙައިޞިއްޔަތުން (ޖޭއެސްސީއަށް ރައީސް ޢައްޔަނުކުރައްވާފައިވާ މެންބަރެއްގެ ޙައިޞިއްޔަތުން) ސަރުކާރަށް ދެއްވި ވަރަށް ވަރުގަދަ އިންޒާރެއް ކަމަށެވެ.
"ނުފޫޒު ފޯރުވީ ހަމަ އެކަނި އިންތިޚާބަކަށް ނޫން. ފާއިތުވި 5 އަހަރު ރެކޯޑް އަދަދަކަށް ރައްޔިތުންގެ ފައިސާއިން ވައްކަންވެސް ސަރުކާރުން ކުރީ. ކުށެއް ނުކުރާ އެތައް ބައަކު ހިފައި ހައްޔަރުކޮށް އަނިޔާވެސް ކުރީ. ސަރުކާރުން ކުރާ ކޮންމެ ކަމެއް ބޭއިންޞާފުން ކުރަމުން ގޮސް ސައުދިއަރަބިޔާއިން ކޮންމެ އަހަރަކު ދޭ ކަދުރުކޮޅު ވެސް މިއަހަރު ވަކި ބައެއްގެ ގޭގެއަށް ވައްދައި ހުސްކޮށްލީ."
ކޯލިޝަނުގެ ސަޕޯޓަރުން ބުނަނީ ސަލީމް އެވިދާޅުވީ ކިތަންމެ ވަރަކަށް ކިތަންމެ ބޮޑެތި ހީލަތްތެރި ރޭވުންތައް ރޭވި ނަމަވެސް ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ޙައްޤުތަކަށް އެކި ގޮތްގޮތުން އަރައިގަތް މީހުންނަށް ޙައްޤު އަދަބު ނުލިބި ސަލާމަތް ނުވެވޭނެ ކަމަށް ކަމަށެވެ. އަދި އެކަމުގެ ހެކި ކީރިތި ޤްރްއާނުން ދެއްކެވީ ކަމަށެވެ.