ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި މާދަމާ ފެށުމަށް ތާވަލް ކޮށްފިއެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައި، އެމަނިކުފާނަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 13:30 އަށެވެ.
ޤާސިމް އިބްރާހިމް ގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި އެމަނިކުފާނަށް އިއްވާފައިވާ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 11:15 ގައެވެ.
ރައީސް މައުމޫނާއި ޤާސިމް އިބްރާހިމްގެ އިސްތިއުނާފުގެ ޝަރީއަތް މިފަށަނީ، މިމައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކޮށް އެމައްސަލައިގައި ގޮތެއް ނިމެންދެން އެބޭފުޅުން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދުމުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން އެބޭފުޅުން މިނިވަން ކޮށްފައިވަނިކޮށެވެ.