އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޗެނަލް 13 އާއި ދެކޮޅަށް ހުށަހެޅި މައްސަލައާއި ގުޅިގެން، އެސްޓޭޝަނުން ކޮންޓެންޓު ފޮނުވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް، އަދި ޤާނޫނާ ޤަވާއިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެޗެނަލަށް ދީފިއެވެ.
އީސީގެ ރައީސް އާއި މެމްބަރުންނަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް އެބޭފުޅުންގެ ފޮޓޯތައް ޗެނަލް 13 އިން ދައްކަމުންދާތީ، އަދި މެމްބަރުންގެ ނަޒާހާތްތެރިކަމާމެދު ޝައްކު އުފެދޭ ސައްޙަ ނޫން ޚަބަރު ފަތުރަމުން ދާތީ، އެސްޓޭޝަނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އީސީން ވަނީ ބްރޯޑްކޮމް އަށް މިރޭ މައްސަލައެއް ހުށަހަޅާފައެވެ.
އަވަސް މައްސަލައެއްގެ ގޮތުގައި އީސީން ހުށަހެޅި އެމައްސަލައާއި ގުޅިގެން ބްރޯޑްކޮމް އިން ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެސްޓޭޝަނުން ކޮންޓެންޓު ފޮނުވުމުގައި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރުގެ ޤާނޫނުގައި ބުނާ ކަންތައްތަކާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމަށް ސަމާލުކަން ދިނުމަށާއި މުޒާހަރާތަކާއި އެއްވުންތައް ލައިވް ކުރުމުގައި، އެއްވެ އުޅުމުގެ ޤާނޫނުގައި ބުނާ ގޮތަށް 60 ސިކުންތުގެ ލަސްކުރުމާއެކު ބްރޯޑްކާސްޓް ކުރުމަށެވެ.