ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް މިއަދު ރާއްޖެ ވަޑައިގަންނަވަނީ
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް މިއަދު ރާއްޖެ ވަޑައިގަންނަވާނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވައިފިއެވެ. މީގެ ކުރިންވެސް މިއަދު ރާއްޖެ ވަޑައިގަންނަވާނެކަން ނިޔާޒް ވަނީ ހާމަކުރައްވައިފައެވެ.
ނިޔާޒް އޮޑިޓަރ ޖެނެރަލް ކަމުން ވަކިކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތައް ހާމަކޮށް އޮޑިޓަރ ޖެނެރެލް އޮފީހުން ރިޕޯޓެއް ނެރުމާއި ގުޅިގެންނެވެ. ނިޔާޒް ވަނީ އެމްއެމްޕީއާރުސީގައި ހިންގަމުން ގެންދިއަ ކޮރަޕްޝަނުގެ މައްސަލަތައް ރައީސް ޔާމީނުގެ ސަމާލުކަމަށްވެސް ގެންނަވައިފައެވެ.
ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ ޑޮލަރު ދޭނެ ކަމަށްބުނެ އެމްޕީއެލް އިން އެމްޕީއާރުސީއަށް ހޯދާ ފައިސާއަށް ޑޮލަރު ލިބެންޖެހޭ މުއްދަތުގައި ޑޮލަރު ނުލިބޭ މައްސަލަ ކަމަށެވެ. އެކަމާއި ގުޅިގެން "ކުންފިނީގެ ބޯޑުން ނިންމައިގެން ކުރާ ކަމަކާ ބެހިވަޑައި ނުގަންނަވާނެ ކަމަށް" ވިދާޅުވެފައިވާނެ ކަމަށެވެ.
ކޮރަޕްޝަނުގެ ތުހުމަތުތައް އިންތިހާއަށް ބޮޑުވެފައިވާ ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އަންނަމުންދާ ދުވަސްކޮޅު ނިޔާޒް ރާއްޖެވަޑައިގަތުމަކީ މައްސަލަތައް ބެލުމުގައި ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.