23 ސެޕްޓެމްބަރުގައި ނިމިދިޔަ، ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް.ސެވަން ޕްރިންޓާސްގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް އެދި ސަރުކާރުގެ އިސް ބޭފުޅުން ފައިސާގެ ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެމް ސެވަންގެމީޑިއާ އޮފިޝަލަކު މިއަދުނޫހަށް ވިދާޅުވީ ވޯޓު ކަރުދާހުގައި މައްސަލަތަކެއް ހުންނާނެ ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދިނުމަށް އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ރިޝްވަތު ހުށައެޅި ކަމަށެވެ. އެގޮތުން ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ ހުށަހެޅިއިރު ބިދޭސީ މުވައްޒަފުންނަށް ސާޅީސް ހާސް ޑޮލަރު ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްދަ ދުވަހު އެވެ. މީޑިއާ އޮފިޝަލު ވިދާޅުވީ ރިޝްވަތު ހުށަހެޅި މީހުންގެ ތެރޭގައި ހިމެނެނީ 'ހައި ޕްރޮފައިލްގެ ބޭފުޅުން' ކަމަށެވެ.
މީގެއިތުރުން އެތަނުގެ މުވައްޒަފުންނަށް މިވާހަކަ ނުދެއްކުމަށް އަމުރުކޮށް ބިރުދައްކާފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފައިސާ ހުށަހެޅި ނަމަވެސް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ރިޝްވަތު ހިފާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މިފަހަރުގެ ވޯޓު ކަރުދާސް ޗާޕުކުރިއިރު އެމް ސެވަން އިން ވަނީ ވީޑިއޯވެސް ކޮށްފައެވެ. އަދި ފުލުހުންގެ އިތުރުން އީސީގެ އޮފިޝަލުން ވެސް ވަނީ ޗާޕުކުރުން ކުރިއަށްދިޔަ ގޮތް ވަރަށް ގާތުން ބަލާފައެވެ.