ރާއްޖޭގައި މިފަހަކަށް އައިސް ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދާ މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެގައި ރޭ ދަންވަރު ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 14 އަހަރުގެ ކުދަ ފިރިހެން ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނެފައިވަނީ އެކުޑަކުއްޖާގެ މަރުގެ މައްސަލައާއި މާލެއާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީގެ މައްސަލަތައް ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ހަމައެއާއެކު ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދާ ކުށްތައް މަދުކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކުގެ ތެރެއިން މާލެއާއި އައްޑޫސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހޯދާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މޭލެއާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހު މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށާާއި މިފަދަ އަމަލު ހިންގާ ފަރާތްތަކާއި މިފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތައް ވެސް ހޯދާ އެފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ޤާނޫނީ ގޮތުން އަޅަންޖެހެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.