ގިނަ ދުވަހު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ޚިދުމަތް ފާހަގަކޮށް ރޭ އެވޯޑް ދީފިއެވެ.
މި އެވޯޑުތަށް ދީފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އެގޮތުން ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.
ޖުމްލަ 37 މުވައްޒަފަކަށް މި އެވޯޑު ލިބިގެން ދިޔައިރު، 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ފާތިމަތު ރަޝީދާ ، ހެޑް އޮފް އިންޓަރނަލް އޮޑިޓް އަށް ވަނީޚާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން ބޭންކަށް 30 އަހަރު ޚިދުމަތްކޮށްދީފައިވާތީ އާމިނަތު ނަސީރު، ޑެޕިއުޓީ ސީނިއަރ އޮފިސަރ، އާމިނަތު ހަސަން، އިންޓަރނަލް އޮޑިޓް މެނޭޖަރ އަދި ޙުސައިން ރަޝީދު، ކްލަސްޓަރ ބްރާންޗް މެނޭޖަރ އަށް ވެސް ވަނީ އެވޯޑް ދީފައެވެ.
ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ 2015 ވަނަ އަހަރުގައެވެ. އެހަފްލާގައި ކޮންމެ އަހަރަކު ވެސް މިފަދަ ހަފްލާއެއް ބާއްވާ، ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ބޭންކުންވަނީ ނިންމާފައެވެ.