ޔޫތުސިޓީ ނުވަތަ ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ކުރަމުންދާ މަސައްކަތް ހުއްޓުވައި ދިނުމަށް އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިއަދު އެދިއްޖެއެވެ.
އެ މުއައްޒަފުން އެކަމަށް އެދެފައި ވަނީ އޭސީސީއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ.
ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި އޭސީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ މިނިސްޓްރީން މަސައްކަތް ކުރަނީޤާނޫނާއި ގަވައިދުތަކާއި އަދި އޭސީސީން ކުރިން އަންގާފައިވާ އެންގުމާ ވެސް ހިލާފަށް ކަމަށެވެ.
ގުރުއަތުލާއިރު ވަކި ބަޔަކު ހޮވޭ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށާއި، ހޮވޭނެ މީހުންގެ ލިސްޓެއް ހަދައި އެލިސްޓު މިހާރު ވެސް ގެންގުޅެމުންދާ ކަމަށް ބުނެފައިވެއެވެ. އެ ލިސްޓުގައި ހިމެނެނީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި އެމީހުންނާއި ގާތް ފަރާތްތަކާއި ވެރިކަން ކުރާ ޕާޓީގެ އެކްޓިވިސްޓުން ކަމަށާއި އެމީހުންނަކީ ވަރަށް ފަހުން ދަފުތަރުގައި ޖެހިފައިވާ މީޙުން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.