މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ފެށުން ސުޕްރީމް ކޯޓުގައި އަންނަ އާދީއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.
އެކޯޓުގެ ވެބްސައިޓުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނާއި ދެކޮޅަށް ދައުވާކުރާ އެމައްސަލަ ތާވަލު ކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށެވެ.
މިމައްސަލައިގެ އިބްތިދާލީ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، އަންނަ ހޮނިހިރު ދުވަހު ލިޔުމަކުން ޖަވާބުދާރީވުމަށް އީސީއަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވެއެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.6 % ވޯޓެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 58.4 % ވޯޓެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރެއްވުމުން ރައީސް ޔާމީން ވެސް ވަނީ މީގެކުރިން ބަލި ގަބޫލު ކުރައްވާ އިންތިހާބީ ރައީސް ސޯލިހަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.
ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އެމަނިކުފާނު ވަނީ، އިންތިހާބުގެ ނަތީޖާ އީސީން އޮޅުވާލާފައިވާ ކަމަށް ވިދަޅުވެ، މަގުމައްޗަށް ނިކުމެ ވަޑައިގެން އަޑުއުފުލާފައެވެ.
އިންތިހާބު ބާތިލު ކުރައްވަން ސުޕްރީމް ކޯޓަށް ރައީސް ޔާމީން އިއްޔެ އެމައްސަލަ ހުށަހަޅުއްވާފައިވާއިރު، މިމައްސަލައިގެ ޝަރީއަތުގައި ދޮގު ހެކިބަސް ދިނުމަށް އެދި ޕީޕީއެމް އިން އެމް.ސެވަން އަށް ރުޝްވަތު ހުށަހެޅިކަމަށް އެމް.ސެވަން އިން ވަނީ މިއަދު ބުނެފައެވެ. ނަމަވެސް އެމް.ސެވަން އިން އެފައިސާގައި ނުހިފާ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.