ސަރުކާރުގެ މައްސަލަތައް އޭސީސީއަށް ހުށަހަޅަނީ ރާއްޖެއަށް އެހެން ދީންތައް ގެންނަން ބޭނުންވާ މީހުން: ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ސަރުކާރުގެ މައްސަލަތައް އޭސީސީއަށް ހުށަހަޅަނީ ރާއްޖެއަށް އެހެން ދީންތައް ގެންނަން ބޭނުންވާ މީހުން: ޑރ. މުޢިއްޒު
ސަރުކާރުން ކުރާ ކަންކަމަށް ހިތްހަމަ ނުޖެހި ސަރުކާރުގެ މައްސަލަތައް އޭސީސީއަށް ހުށަހަޅަނީ ރާއްޖެއަށް އެހެން ދީންތައް ގެންނަން ބޭނުންވާ މީހުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު މިއަދު ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމަށް ހިތްހަމަނުޖެހި އޭސީސީ ފަދަ މުއައްސަސާތަކަށް މައްސަލަތައް ހުށަހަޅަމުން ގެންދަނީ ރައީސް ޔާމީނާއި ސިޔާސީ ފިކުރު ތަފާތު އިދިކޮޅު މީހުން ކަމަށާއި ރައީސް ޔާމީނާއި އިދިކޮޅު މީހުންނަކީ ރާއްޖޭގައި ކޮންމެ ދީނެއް އޮތް ނަމަވެސް އަދި ރާއްޖޭގެ ކަންކަން ކޮންމެ ގޮތަކަށް ދިއަ ނަމަވެސް ވަރިހަމަ ބައެއް ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ގިނަ ބައަކީ ރާއްޖެއަށް އެހެން ދީންތައް ގެންނަން ބޭނުންވާ ބައެއް ކަމަށާއި އެމީހުންނަކީ ދޮގުހަދަން ފަސްޖެހޭނެ ބައެއް ނޫންކަމަށެވެ. ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ގިނަ ބައަކު ތާއީދުކޮށް ވޯޓުދީފައިވަނީ ރާއްޖެއަށް އިސްލާމް ދީން ނޫން އެހެން ދީންތައް ގެންނަން ތާއީދުކުރާ ބައަކަށް ކަމަށާއި އެފަދަ ބައަކަށް ތާއީދުކޮށް ވޯޓު ދިނީ އެކަމަށް ތާއީދުކުރާތީ ކަމަށެވެ.

"އެއީ އެއްވެސް ގޮތަކަށް ތެދު ޙަޤީޤަތް ބަލާ ބައެއް ނޫން. އެބޭފުޅުންނަކީ އެއްވެސް ކަމެއްގަ ތެދު މުހިންމު ބައެއް ނޫން. ކިހިނެއްތޯ އެބޭފުޅުންނަށް ތެދު މުހިންމު ވާނީ؟ މިހާރު ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވަމުންދާ ޕާޓީއަކީ ނުވަތަ އެޕާޓީގައި އިސްކޮށް ތިބީ މިތަނުގަ ކްރިސްޓިއަން ދީނާ އެހެން ދީންތައް ފަތުރަން ވާގިވެރިވާ ފަރާތްތައް. އެހެންވީމާ އެކަމަށް ތާއީދުކޮށް ވޯޓުދިން ބައަކު ދޮގުހަދާކަށް ފަހެއް ނުޖެހޭނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މިމޭރުމުން ވިދާޅުވެފައިވާއިރު ނިމިގެން ދިއަ އިންތިޚާބުގައި ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް 134705 މީހުން ވަނީ ވޯޓުދީފައެވެ. މިއީ ވޯޓުލީ މީހުންގެ 58.4% އެވެ.

ކޯލިޝަނަށް ތާއީދުކޮށް ކެންޕޭނުކުރެއްވި ބޭފުޅުންގެތެރޭގައި ރާއްޖޭގައި ތިއްބެވި އެންމެ އިސް ދިނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރައްވައި ފަރުޟް 5 ނަމާދު ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވީއިރު އެފަދަ ބޭފުޅަކާއި ބެހޭ ގޮތުން ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ މަޤްޞަދާއިބެހޭ ގޮތުން ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ.

ހަމަ އެއާއެކު ރައީސް ޔާމީނު ވަނީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅުއްވަވާފައިވާ ޙަރާމް ކަންކަން ކުރަން ރައްޔިތުންނަށް ފައުޅުކަންބޮޑު ގޮތެއްގައި ހިއްވަރު ދެއްވާފައި ކަމަށްވާއިރު މިއީވެސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކާއިމެދު އިތުރު ސުވާލުތައް އުފެދޭ ކަމެކެވެ.

ޑރ. މުޢިޢްޒުގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން