ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގައި ހިންގި ޝަރީއަތުގެ ބައެއް އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އިޖްރާއަތްތަކާ ޚިލާފަށް ކަމަށާއި އެމައްސަލައިގައި ޤާނޫނީ ވަކީލުން ހަމަޖައްސަން އެކަށީގެންވާ ވަގުތު ކްރިމިނަލް ކޯޓުން ދީފައިނުވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި މިދައުވާއާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވެވިއެވެ. ހައިކޯޓުގައި މިއަދު އޮތީ އެހުކުމުގެ އިސްތިއުނާފް އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި ރައީސް މައުމޫންގެ ވަކީލުންގެ ފަރާތުން 36 ނުކުތާއެއް އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ.
ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ޝަމީލް ވިދާޅުވީ މިމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ޝަރީއަތާއި ޚިލާފަށް ކަމަށާއި މިމައްސަލައިގައި ސިއްރު ހެކިވެރީންގެ ހެކިބަސް ޕީޖީއިން ނަގާފައިވަނީ ވެސް އިސްލާމީ ޝަރީއަތާ ޚިލާފަށް ކަމަށެވެ. އަދި އެމައްސަލައިގައި ދެ ފަރާތައް ހަމަހަމަ ފުރުސަތު ނުދެއްވާ ކަމަށް ވެސް، ނުކުތާތައް ހުށަހަޅުއްވަމުން ޝަމީލް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި އިތުރު ވަކީލުންގެ ބަސްތައްވެސް އަޑުއެެއްސެވުމަށްފަހު ފަނޑިޔާރު ސަމީރު ޝަރީއަތް ނިންމާލެއްވީ އިތުރު ކަމެއް ސާފު ކުރުމެއް ނެތް ކަމަށްވާނަމަ، ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ މިމައްސަލައިގެ ހުކުމް އިއްވުން ކަމަށް ވިދާޅުވަމުންނެވެ.