ރާއީސް ޔާމީނާއި ދުވަހަކުވެސް ގުޅިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދެއްވައިފިއެވެ.
ޤާސިމް އިބްރާހީމް އދ. ފެންފުށީ ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތްޕުޅުން މިހާރު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ނިންމާ ގޮތަކުން އެމަނިކުފާނު ރައީސް ޔާމީނާއި ގުޅިވަޑައިގަންނަވާނެ ކަމަށް ބުނެ ފަތުރަމުން ގެންދަނީ "ޕޮރޮޕަގެންޑާ" ދޮގު ވާހަކަތަކެއް ކަމަށެވެ.
ޤާސިމް އިބްރާހީމް ވަނީ ފަތުރާ އެފަދަ ދޮގު ވާހަތައް ޤަބޫލު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކެންޕޭނުގައި ފެންފުށި ފަދަ ރަށްރަށަށް ގޮސް ކަންކަން ކޮށްދެނީ ތިމަންނަމެން ކަމަށާއި އެމަނިކުފާނު އެއްވެސް ކަމެއް ކޮށް ނުދެއްވާ ކަމަށް ބުނި ނަމަވެސް ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އެނގޭނެ ކަމަށެވެ.
"ރައްޔިތުންނަށް ޚިދުމަތް ކުރަން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ އާ އިނާޔަތްތައް ނަގައިގެން ތިބެ ރައްޔިތުންނަށް ސަރުކާރަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަކީ ވެރިކަމުގަ ހުންނަ މީހެއްގެ ހެޔޮ ކަމުން ކަމެއް ކޮށްދިނުމެއް ނޫން. އެމީހާގެ ހެޔޮކަމުން ކަމެއް ކޮށްދިނުމަކީ ވެރިކަމުގައި ނެތި އަމިއްލައަށް ކަމެއް ކޮށްދިނުން. ނޫނީ ބެރިކަމުގަ ހުރެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކަމެއް ކޮށްދިނުން." ކަމަށް މިއަދުވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް، ފެންފުށީގައި ތިއްބެވި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއި ބައްދަލުކޮށްލައްވަން އެރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ގިނަ އަދަދެއްގެ ބައަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ފެންފުށިން މަރުޙަބާ ދެންނެވުން (ވީޑިއޯ):