ފުރަތަމަ ކިޔައިލަންވީ ކީރިތި ޤްރްއާނުގެ މި އާޔަތެވެ. ސޫރަތުލްމުޖާދިލާގެ 7 ވަނަ އާޔަތެވެ.
އިބްރާހީމް ސިޔާދު ޤާސިމް އާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރުމަށްފަހު ފުލުހުން ދިން ބަޔާންތަކުން ޤަބޫލުކުރެވިފައި އޮތީ ރިޝްވަތު ދިން ކަމާއި ރިޝްވަތު ހިފިކަން ސާބިތު ކުރެވޭވަރަށް އުހުދު ފަރުބަދަ ވަރުގެ ބޮޑެތި ބިޔަ ހެކިތައް ލިބިފައިވާ ކަމަށެވެ. އަދި މެދު ނުކެނޑި 3 ދުވަހު ބޯކޮށް ވާރޭ ވެހުމުން މަގުތަކުގައި ފެން އޮންނަ ވަރަށް ނުވަތަ އެއަށްވުރެވެސް ގިނަ އަދަދަކަށް ހެކިތައް ފުލުހުންނަށް ލިބިފައިވާ ކަމެވެ. އެ މޭރުމުން ފުލުހުން ބަޔާން ދިންތާ 8 މަސް ދުވަސްފަހުން ހާމަވެގެން މިދިއައީ 8 މަސްވީއިރުވެސް އެބުނި ހަމަ އެއްކެއްވެސް ވުޖޫދުގައި ނެތް ކަމެވެ. އޮތް ހަމައެކަނި ހެއްކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގައި ހިމެނޭ، ފިލައި ހުރެ ދޭ ސިއްރު ހެއްކެއް ކަމެވެ.
އެ ސިއްރު ހެއްކާ ގުޅުވައި ސިޔާދު ވަނީ 162 ދުވަހު ޖަލުގެ ގޮޅިތަކުގައި ބަންދުކޮށްގެން ގެންގުޅެފައެވެ. އެއްވެސް ކުށެއް ނުކުރާ ޒުވާނަކަށް ދެވޭނެ އެންމެ ބޮޑެތި އަނިޔާތައް ދީފައެވެ.
ކީރިތި ޤްރްއާނުގެ މިއާޔަތާއި މިކަން ގުޅެނީ މިހިސާބުންނެވެ. މިއަނިޔާތައް ފަރުމާކުރީ ކާކުކަން އަދި ހާމަ ނުވި ނަމަވެސް އެ އަނިޔާވެރިޔާ ފަރުމާކުރި އަނިޔާތައް ތަންފީޒުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކޮމިޝަނަރު އޮފް ޕޮލިސް އަށް ޖެހުނު ޙާލުންނެވެ. ހަމަ ގައިމުވެސް މިއަދު އޭނާ އެހެރީ އޭނާ އެންމެ ހުންނަން ބޭނުންވި މަޤާމަކު ނޫނެވެ. އަދި ކީއްތޯއެވެ؟ އަދި އޭނާ އެންމެ ލޯބިވާ ފުލުހުންގެ މުއައްސަސާއަކުވެސް ނޫނެވެ.
ދޮގު ހަދައި މީހުންނަށް އަނިޔާ ކުރެވިދާނެއެވެ. ﷲ ތަޢާލާ ވަނީ އަނިޔާވެރިވުމާއި ނުވުމުގެ އިޚްތިޔާރު އިންސާނުންނަށް ދެއްވަވައިފައެވެ. އެ އިޚްތިޔާރުގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ހިފިދާނެއެވެ. އެކަންކަމަށްވެސް ވަނީ އިޚްތިޔާރު ދެއްވަވައިފައެވެ. ނަމަވެސް ޔަޤީންކުރަންވީ ކީރިތި ޤްރްއާނުގެ މިއާޔަތް ދިރި ދެމިއޮންނާނެ ކަމެވެ. ލައުޙުލްމަޙްފޫޛްގައި ލައްވަވާފައިވާ ކީރިތި ޤްރްއާން އެއިގެ ފުރިހަމަ ބާރުގައި ދާއިމަށް ދެމިއޮންނާނެ ކަމެވެ.
ވީމާ އިންޓެލިޖެންސް ރިޕޯޓްތަކުގައި ނަމަވެސް، ބޮޑެތި އަދަދުތަކުން ރިޝްވަތު ހިފުމަށްފަހުގައި ނަމަވެސް ދޮގު ހެކިދީ އަނިޔާވެރިވެ ރައްޔިތުންގެ ޙައްޤުތަކަށް މިއަދު އަރައިގަންނަ މީހުންވެސް ވިސްނައިލަންވީ ހަމަ މިއާޔަތަށެވެ. ކިތަންމެ ސިއްރުނެ ރޭވި ނަމަވެސް ﷲ ތައާލާ އަށް ސިއްރު ނުކުރެވޭނެ ކަމެވެ. ކޮންމެވެސް ދުވަހަކުން އިންޞާފު އައިސް އަރާ ހަމަކުރާނެ ކަމެވެ. މިދުނިޔޭގައި ރެކެވުނު ނަމަވެސް ތިމާ ކުރާ އަމަލުތައް ލިޔުއްވަވާ މަލާއިކަތުން ލިޔުއްވަވާ ފަތުން ފޮހެ ނުލެވޭނެ ކަމެވެ. އެ ފަތާއި ޤިޔާމަތް ދުވަހު ކުރިމަތިލާން ނުޖެހި ނުދާނެ ކަމެވެ.