ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިޔާ ހުށަހަޅާ މައްސަލަ އެތަންތަނުން ބެލުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިޔާ ހުށަހަޅާ މައްސަލަ އެތަންތަނުން ބެލުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން: މާރިޔާ

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އޮތް ގޮތުން ފުލުހުންނާއި ސިފައިންގެ އެންމެ މަތީ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު އެމަނިކުފާނުގެ އަމިއްލަފުޅު މަޞްލަޙަތާއި ގުޅުން ހުރި، އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާ މައްސަލަތައް އެތަންތަނުން ބެލުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިއަދު ވިދާޅުވީ މިފަދަ ކަންކަމަކީ ދުނިޔެ ވެސް ބަލައިގަންނާނެ ކަންކަން ނޫން ކަމަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރުވެސް ގެންދަނީ އެކަން އަންގަމުން ކަމަށެވެ.

މާރިޔާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީނު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ހެއްދެވުމުގައާއި 12 މެންބަރުން މަޖިލީހަށް ވަނުން ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވީ ޚުދު އެމަނިކުފާނު ކަމަށް އަމިއްލަފުޅަށް ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެވަޑައިގެންފައެވެ. އެހެންކަމުން ސަލާމަތީ ބާރުތައް ލައްވައި 12 މެންބަރުން މަޖިލީހުގެ ފާރުމަތިން އުކައިލެއްވުވީވެސް ރައީސް ޔާމީނުގެ ދައުރެއް އޮވެގެންކަން މިވަނީ ހާމަވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީނު ވަނީ 1 ފެބްރުއަރީގައި ނެރުނު އަމުރަކީ ރިޝްވަތު ހިފައިގެން ފަނޑިޔާރުން ނެރުނު އަމުރެއްކަމަށް ވެސް ރައްޔިތުންގެ ކުރިމއތީގައި ވިދާޅުވެފައެވެ.

އެކަމާއި ގުޅުވައި އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހިފައި ހައްޔަރުކުރުވާފައިވާއިރު އެއަމުރު ނެރުމުގައި ރިޝްވަތުގެ އެއްވެސް ޢަމަލެއް ހިނގާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ކަނޑައަޅައި ޙުކުމްވެސް ކޮށްފައެވެ.

މިފަދަ އެތައް ގިނަ ކަންތައްތަކެއް ހާމައަށް ފެންނަން ހުރުމުން ރައީސް ޔާމީނު ގެންދަވަނީ ސަލާމަތީ ބާރުތަކަށް ބާރާއި ނުފޫޒު ފޯރުއްވަމުންކަން މިހައި ސާބިތުކަމާއިއެކު އެނގެން އޮތްއިރު ރިޔާސީ އިންތިޚާބާއިބެހޭ ސީދާ އެމަނިކުފާނުގެ މަޞްލަހަތާއި ގުޅުންހުރި މައްސަލައެއް އެތަންތަނުން ބަލާނެ ގޮތާއިމެދު ވަނީ ބޮޑެތި ސުވާލުތައް އުފެދިފައިކަމަށް ރައްޔިތުންގެ ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން