ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކެއްގެ މައްސަލައިގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލު ކުރެވިއްޖެއެވެ.
ރައީސް ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލައިގައި ގާޒީ ނިހާންގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލާފައިވާއިރު މުހުތާޒުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި ފޭކު ލިޔުމެއް އުފެއްދުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއެވެ.
މުހުތާޒުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ވަކި އުސޫލަކުން ދޫކޮށްފައިވާ އަމަލެއް ކުރަން އުޅުމުގައު ބައިވެރިވުމުގެ ދައުވާއެވެ.
މިދެބޭފުޅުންނަށް ދައުވާކުރާ މައްސަލަތަކަކާއި ގުޅިގެން ހުކުމް ކުރުން މާދަމާ ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައި ތާވަލް ކުރެވިފައިވެއެވެ.