މާތް ﷲ ދެއްވަވާ ނިޢްމަތްތަކާ ސިފަތައް ޖަހައިގަނެގެން ނުގެންދެވޭނެ: ޢައިޝާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މާތް ﷲ ދެއްވަވާ ނިޢްމަތްތަކާ ސިފަތައް ޖަހައިގަނެގެން ނުގެންދެވޭނެ: ޢައިޝާ
އިންސާނުންނަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކާއި ސިފަތައް އެއީ އެހެން ބައަކަށް ނުވަތަ މީހަކަށް ޖަހައިގަނެގެން ގެންދެވޭނެ ކަންކަން ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު، އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޢައިޝާ ވިދާޅުވީ އެކަމަނާ ސިޔާސީ ހަރަކާތްތަކަށް ކުރިމަތިލެއްވީ އެކަމަނާގެ ފިރިކަލުން ޤާސިމް އިބްރާހީމްގެ މައްޗަށް ނުޙައްޤުން އިއްވާފައިވާ ޙުކުމަކާއި ގުޅިގެން ރާއްޖެ ވަޑައި ނުގެންނެވިފައި ހުންނަވަނިކޮށް ޢާއިލާގެ އެންމެ ދޮށީ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ނުޙައްޤުން ޖަލުގައި ބަންދުކުރުމުން އެމަނާގެ ތުއްޕުޅު 6 ބޭފުޅުންނަށް ލިބިވަޑައިގަންނަވަމުން ދިއަ ހިތާމަތަކަށް ކެތް ނުުކުރެއްވިގެން ކަމަށެވެ. އަދި ސިޔާދަށް ވެސް ލިބިވަޑައިގަންނަވަމުންދިއަ އަނިޔާތަކަށް ކެތް ނުކުރެއްވިގެން މުޅި ޢާއިލާގެ ޙައްޤުގައި ކަމަށެވެ.

ޢައިޝާ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަނުގެ ކެންޑިޑޭޓަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްތައް ރައްޔިތުން ވަނީ ބަލައިގެންފައި ކަމަށެވެ.

ޤާސިމް އިބްރާހީމް އަކީ އެންމެ ކުރިންސުރެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއި ދީލަތި ކަމާއިއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި މިހައި ތަނަށް ރާއްޖޭގެ ތާރީޚުގައިވެސް އަމިއްލަ ހައިޞިއްޔަތުން ރައްޔިތުންނަށް އެންމެ ބޮޑު ހޭދަ އެއް ކުރެއްވީ ޤާސިމް އިބްރާހީމްކަން ފާހަގަކުރައްވައި ޢައިޝާ ވިދާޅުވީ އިންސާނުންނަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކާއި ސިފަތައް އެއީ ސޯޝަލް މީޑިއާގައި ކުރާ ޓްވީޓަކުން ޖަހައިގަނެގެން ގެންދެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި އެކަމަނާވެސް ދެމިހުންނަވަން ބޭނުންފުޅުވަނީ ﷲ މިންވަރުފުޅު ކުރެއްވެވި ވަރަކުން ފިރިކަލުން ފަދައިން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުންމަތީގައި ކަމަށެވެ.

ޢައިޝާ ވިދާޅުވީ މިކަންކަމަށް ޙަސަދަވެރިވާ މީހުން ކުރާ ކަންކަމުގެ ސަބަބުން ލިބިވަޑައިގަންނަވަނީ އިތުރު ހިއްވަރުފުޅާއި ސާބިތުކަން ކަމަށެވެ. އަދި އެގޮތަށް ކުރާ ކަންކަމުގެ ސަބަބުން ކޯލިޝަނުގެ ތެރޭގައި އޮތް ބަދަހި ގުޅުމަށް އެއްވެސް އަސަރެއް ނުފޯރުވޭނެ ކަމަށެވެ.

ފުރުޞަތު ލިބިވަޑައިގަންނަވާ ވަރަކުން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުންމަތީގައި ދެމިހުންނަވަން ބޭނުންފުޅު ކަމަށްވެސް ޢައިޝާ ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން