އިއްޔެގެ ހުކުރު ޚުޠުބާގަ ރައީސް ޔާމީނަށް ވަރުގަދަ އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އިއްޔެގެ ހުކުރު ޚުޠުބާގަ ރައީސް ޔާމީނަށް ވަރުގަދަ އިންޒާރެއް!
"ﷲ އަށް ތަޤްވާވެރިވުމަކީ އެކަލާނގެ ދެއްވެވި ނިޢްމަތްތަކަށް ސިއްރާއި ފައުޅުގައި ޝުކުރުވެރިވުމެވެ. މި (ﷲގެ) ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ އަމަން އަމާންކަމާއި ހަމަ ޖެހުމުގެ އަސާސެވެ. އެއީ ﷲގެ ރުހިވޮޑިގަތުމާއި، ﷲގެ ރިޒްޤް ތަނަވަސްކަމާއިއެކު ލިބުމުގެ ސަބަބެކެވެ. އެކަލާނގެ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ އެ ނިޢްމަތްތައް ދެމިއޮންނާނެ ކަމުގެ ޖާމިނުވުމެކެވެ. އަދި އެކަލާނގެ ކޯފާއިން ސަލާމަތް ވާނެ ކަމެކެވެ."

މިފަދައިން ބަޔާންކުރުމަށްފަހު ބަޔާންކޮށްފައިވާ ކީރިތި ޤްރްއާނުގެ އާޔަތުގެ މާނައިގައި ވަނީ "އަދި ތިއަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަމދުމަކުރާށެވެ! ހަމަކަށަވަރުން ތިއަބައި މީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކުރައްވާހުށީމެވެ. ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ، (ދަންނާށެވެ!) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." މިފަދައިންނެވެ.

ޚުޠުބާގައި މިފަދައިން ބަޔާންކުރުމުގެ އިތުރުންވެސް މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތާއި ގުޅޭ ވަރަށް ގިނަ ވާހަކަތައް ވަނީ ބަޔާންކޮށްފައެވެ.

ހަމައެކަނި މިބަސްފުޅުތަކަށް ބެލި ނަމަވެސް ރައީސް ޔާމީނަށް ހުރި ވަރަށް ގިނަ މެސެޖުތައް އެބަހުރިކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމުގެ ފުރުޞަތު ރައީސް ޔާމީނަށް ދެއްވެވި ދެއްވެވުމަކީ ﷲ ތަޢާލާ ރައީސް ޔާމީނަށް ދެއްވެވި މަތިވެރި ނިޢްމަތެކެވެ. އެހެންކަމަށްވާއިރު "ﷲ އަށް ތަޤްވާވެރިވުމަކީ އެކަލާނގެ ދެއްވެވި ނިޢްމަތްތަކަށް ސިއްރާއި ފައުޅުގައި ޝުކުރުވެރިވުމެވެ." އޮތުމުން ދެއްވެވި ނިޢްމަތަށް ސިއްރާއި ފައުޅުގައި ޝުކުރުވެރިވުމަކީ ތަޤްވާވެރިއެއްނަމަ ކުރަންޖެހޭނެ ކަމެއްކަން އެނގިގެންދެއެވެ.

"މި (ﷲގެ) ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ އަމަން އަމާންކަމާއި ހަމަ ޖެހުމުގެ އަސާސެވެ." އޮތް އޮތުމުން ރައްޔިތުންގެ ނިންމުން ބޮލާލައި ޖަހައި ކަންކަން ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލިގެން ދާނެ ސަބަބެއްކަން ވެސް އެނގިގެންދެއެވެ.

ބަޔާންކޮށްފައިވާ އާޔަތުގެ މާނައިގައި "ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ، (ދަންނާށެވެ!) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." އޮތުމުން ޝުކުރު ނުކުރާނަމަ ﷲ ތަޢާލާ ކުރިމަތިކުރައްވަވައިފާނެ ބޮޑު ކޯފާ ގަދަފަދަ ވެގެންވާކަންވެސް އެނގިގެންދެއެވެ.
މިއަދު އޮންލައިން