ކަޅު ފައިސާއިން ރައީސް ޔާމީނަށް ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެ: މެންބަރު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކަޅު ފައިސާއިން ރައީސް ޔާމީނަށް ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެ: މެންބަރު ޢަބްދުﷲ
ކަޅު ފައިސާއިން ރައީސް ޔާމީނަށް ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ޓްވީޓް ކުރައްވައި ޢަބްދުﷲ މިއަދު ވިދާޅުވީ "ރިޔާސީ އިންތިޚާބާ ބެހޭގޮތުން ސްޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގައި، ހެކި އުފެއްދުމަށް ބޮޑެތި އަދަދުތަކުން ކަޅު ފައިސާ ވަރަށް ގިނަ ފަރާތްތަކަށް ހުށަހަޅަމުން އެބަ ގެންދޭ. ކަޅު ފައިސާއިން ރައީސް ޔާމީނަށް ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެ." ކަމަށެވެ.

ޢަބްދުﷲ މިމޭރުމުން ވިދާޅުވެފައިވާއިރު ވޯޓު ކަރުދާސް ޗާޕުކުރި އެމް7 ޕްރިންޓަރސްގެ މުވައްޒިފުންތަކަކަށް 1 މިލިއަން ރުފިޔާ އާއި 40000 ޑޮލަރުން ރިޝްވަތު ހުށަހެޅިކަމަށް ބުނާ މައްސަލައެއް އެމް7 އިން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވީނަމަވެސް ރައީސް ޔާމީނު ދުސްތޫރީ މައްސލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގަނެ އިބްތިދާއީ އަޑުއެހުންތައް މިއަދު ވަނީ ފަށައިފައެވެ. ޝަރީއަތް މާދަމާ ކުރިއަށް ގެންދަންވެސް ވަނީ ހަމަޖައްސައިފައެވެ.

މައްސަލައިގެ ލީކުވެފައިވާ މައުލޫމާތަށް ބައްލަވައި ޤާނޫނީ ވަކީުން ވިދާޅުވަމުން ގެންދަވަނީ ސްޕްރީމް ކޯޓުން ބަލަންޖެހޭ ދުސްތޫރީ އެއްވެސް މައްސަލައެއް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާކަމަށް އެބޭފުޅުންނަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނެފައިވަނީ ހުށަހަޅާފައިވާ ހުރިހާ ކަންކަމަކީވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ބަލަންޖެހޭ ކަންކަން ކަމަށެވެ.

ޕީޕީއެމުން ބުނަމުން ގެންދަނީ މައްސަލަ އާއި ގުޅިގެން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަހަޅާފައި ނުވާނެ ކަމަށެވެ.



މިއަދު އޮންލައިން