ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގައި ގޯސް ހެދިނަމަ ހެދީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށާއި ރައްޔިތުންނަށް އިތުރަށް ދުއްތުރާ ނުޖައްސައި ކުރިންވެސް ބަލި ޤަބޫލު ކުރެއްވި ފަދައިން ބަލި ޤަބޫލުކުރެއްވުމަށް ރައީސް ޔާމީނުގެ ކިބައިން އެދިވޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީް އެދިވަޑައިގެންފިއެވެ.
ޤާސިމް އިބްރާހީމް މިކަމަށް އެދިވަޑައިގެންފައިވަނީ މިއަދު ހަވީރު ަދ. ދިގުރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ 23 ސެޕްޓެމްބްރުގައި ރައްޔިތުން ނިންމި ނިންމުން ބަދަލުވެ، އަދި އިންތިޚާބުގެ ނަތީޖާ އިތުރު ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވަވާ ކަމަށެވެ. "އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ހިނގައި ދިއައީ ރައީސް ޔާމީނު އައްޔަނު ކުރެއްވި އީސީގެ މެންބަރުނގެ ބެލުމުގެދަށުން. ހުރިހާ ކަމެއްވެސް ހިނގައި ދިއައީ ވަރަށް ހަމަ ހިމޭންކަމާއިއެކު އެއްވެސް ހަމަ ނުޖެހުމެއް ނެތި."
ޤާސިމް އިބަރާހީމް މިއަދުވެސް ވަނީ ޤާނޫނީ އިމުގެ ތެރޭގައި ކެތްތެރިވެ ތިބުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. "ﷲ އިރާދަ ކުރެއްވިއްޔާ މާލަހެއްނުވެ މިހާރު އުފައްދައިގެން އުޅޭ މައްސަލަތައްވެސް ޙައްލުވެ އެކަމުގެ އުފާވެރި ޚަބަރު ލިބިގެންދާނެ. ކުރިން ރައީސް ޔާމީން ވިދާޅުވެފަވޭ މިހަރުގެ އިންތިޚާބުގެ ކަންތައްތައް ނިންމާނީ ސްޕްރީމް ކޯޓުން ނޫން ކަމަށް، ކޮންމެ ކަމެއްވެސް ނިމިގެނދާނީ އެމަނިކުފާނު ވިދާޅުވާ ގޮތާއި ދިމާ އިދިކޮޅަށް. އެކަން މިއަދުވެސް ފެނިގެން މިދަނީ."
ޤާސިމް އިބްރާހީމް ވަނީ އިންތިޚާބުގެ ދުވަސްވަރު ރާއްޖެއިން ބޭރުގައި ހުންނަވަން އެމަނިކުފާނަށް ޖެހިވަޑައިގެންނެވި ނަމަވެސް ރައްޔިތުން އެމަނިކުފާނަށާއި ކޯލިޝަނަށް ކުރި އިތުބާރާއި ތާއީދު ފާހަގަ ކުރައްވައި ދިގުރަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުއްވައިފައެވެ.