ރައީސް ޔާމީނަށް ހުރިހާ ބާރުތަކެއް އޮތްހައި ދުވަހަކު ފަނޑިޔާރުންނަށް ބިރުވެރިކަން އޮންނާނެ: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރައީސް ޔާމީނަށް ހުރިހާ ބާރުތަކެއް އޮތްހައި ދުވަހަކު ފަނޑިޔާރުންނަށް ބިރުވެރިކަން އޮންނާނެ: މާރިޔާ
ރައީސް ޔާމީނަށް ދައުލަތުގެ ހުރިހާ ބާރުތަކެއް އޮތްހައި ދުވަހަކު ފަނޑިޔާރުންނަށް ބިރުވެރިކަން އޮންނާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ޤާނޫނީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިކަމުގެ ސަބަބެއް ކަމަށް މާރިޔާ ވިދާޅުވީ 1 ފެބްރުއަރީގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ޙަމީދާއިމެދު ކަންތައް ކުރެވުނު ގޮތެވެ.

މާރިޔާ ވިދާޅުވީ 2 ފަނޑިޔާރުން ހިފައި ހައްޔަރުކުރީ ރިޝްވަތުގެ ތުހުމަތުގައި ކަމަށާއި ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް ނެތް ތުހުމަތުތަކެއްކަން މިހާރު ސާބިތުވެފައިވާއިރު އެކަމުގެ ތެރެއިން އިތުރު މައްސަލަތަކެއް ކުރިމަތި ކުރުވައި 2 ފަނޑިޔާރުންނަށް ވަނީ ޙުކުމެއް އިއްވުވާފައި ކަމަށެވެ.

މާރިޔާ ވިދާޅުވީ މިކަންކަން ހިނގައި ދިއައީ އެކަންކަމަށް ރައީސް ޔާމީނު ބާރާއި ނުފޫޒު ފޯރުއްވައިގެންކަން ޚުދު ރައީސް ޔާމީން އަމިއްލަފުޅަށް ދައްކަވާފައިވާ ވާހަކަފުޅުތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"އެހެންވީމާ ފަނޑިޔާރުންނަކީވެސް އިންސާނުންކަމަށްވާތީ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިކަން ރައީސް ޔާމީނަށް އޮތްހައި ދުވަހަކު ފަނޑިޔާރުންނަށް ބިރުވެރިކަން އިޙްޞާޞް ކުރެއްވޭނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. ކިތަންމެ އަދުލުވެރި ކަމާއިއެކު ޙުކުމެއް ކުރެއްވި ނަމަވެސް އެއީ ރައީސް ޔާމީނު ރުހިވަޑައި ނުގަންނަވާ ގޮތަކަށް ކުރައްވާ ޙުކުމަކަށް ވެއްޖެނަމަ 5 ފެބްރުއަރީގައި ހިންގައި ދިއަ ކަންކަން ނުހިންގާނެ ކަމަށް ހަމަ ހިތުގައި ސުވާލު އޮންނާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."

މާރިޔާ މިމޭރުމުން ވިދާޅުވެފައިވާއިރު 5 ފެބްރުއަރީގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެއްވީ އެފަދަ ޙާލަތެއް ޤައުމުގައި އޮވެގެން ނޫން ކަމަށާއި 2 ފަނޑިޔާރުން ހައްޔަރުކުރެއްވޭނެ ގޮތެއް ހޯއްދަވަންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ޤާނޫނާއި ޚިލާފަށް ބާރުގެ ބޭނުން ކުރައްވާފައިވާކަމަށް ރައިސް ޔާމީނަށް އެވަނީ އަމިއްލަފުޅަށް ވިދާޅުވެވިފައެވެ.
މިއަދު އޮންލައިން