ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް ގޯތި ވިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ ކޯޓަށް

ކިޔުމަށް ހޭދަވާނީ 1މ 24ސ
ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް ގޯތި ވިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ ކޯޓަށް
ދިގު ކިޔޫތަކެއްގައި ރެއާއި ދުވާލު ރައްޔިތުން ތިބެން މަޖުބޫރުވެ ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް، ހުޅުމާލެއިން 400 ގޯތި ވިއްކުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ވަކީލު މަރިޔަމް ޝުނާނާ ހުށަހެޅުއްވި މައްސަލަ، ޑިސްޕިއުޓް ރިޒޮލިއުޝަންގައި މިއަދު ކުރިއަށް ގެންދިޔުމަށްފަހު އެމައްސަލަ ޝަރީއަތަށް ފޮނުއްވަން ގާޒީ ނިންމަވައިފިއެވެ.

މިމައްސަލައަކީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ހުޅުވާލައި ޤާނޫނާއި ގަވާއިދާއި ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކަންތައްތަކެއް ހިންގާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ގޯތިވިއްކުމުގެ މައްސަލަ ހޫނުވެ، އާއުސޫލެއް އެކުލަވާލައިގެން ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ވަނީ ހައުސިން މިނިސްޓްރީ އަށް އަންގާފައެވެ. ނަމަވެސް އެމިނިސްޓްރީ އިން ވަނީ ގޯތި ވިއްކުމުގެ ހުރިހާ ކަމެއް މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީ އާއި ހަވާލު ކޮށްފައެވެ.

"އަޅުގަނޑު ދެންނެވީ، މިމައްސަލައިގައި އާއްމު މަސްލަހަތު އެބަ އޮތް ކަމަށް. އާއްމުންނަށް ނުހައްގުން އަނިޔާ ދެވިފައިވާތީ މިމައްސަލައިގައި ގޮތެއް ކަނޑައަޅައި ދެއްވަން. ގާޒީ ވިދާޅުވީ ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް މައްސަލައިގެ ޝަރީއަތް ތާވަލް ކުރައްވާނެ ކަމަށް" މިމައްސަލައާއި ގުޅޭގޮތުން ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެއިން ގޯއްޗަށް އެދުމަށްޓަކައި ފޯމު ބަލައިގަތުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ އުސޫލަކީ ގާނޫނު އަސާސީ އާއި ގާނޫނީ އުސޫލުތަކާއި ޚިލާފު އުސޫލެއް ކަމަށާއި އެއުސޫލު އޮތީ ބޯހިޔާވަހިކަމުގެ ފުރުސަތަށް އެދެން ބޭނުންވާ ގިނަ ރައްޔިތުންތަކެއް އެފުރުސަތުން މަހުރޫމްވާ ގޮތަށް ކަމަށެވެ.
މިއަދު އޮންލައިން