ރައީސް ޔާމީނުގެ ސަރުކާރުން ސަލާމަތީ ބާރުތައް ލައްވައި ވަރަށް ގިނަ ޖަރީމާތައް ހިންގުވައިފި ކަމަށާއި އެހެންވީމާ މިހާރު ތިބޭނީ އެކަންކަމަށް ހޭލުންތެރިވެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މުއްޠަލިބް ވިދާޅުވީ ސްޕްރީމް ކޯޓަށް ސަލާމަތީ ބާރުތަކުން ވަންއިރުވެސް ދޮރުން ނުވަތަ ދޮރު ވައްޓާލައިގެން ވަނުމުގެ ފުރުޞަތު އޮތް ކަމަށާއި ނަމަވެސް ފުރާޅުން ޓިނުނަގައިގެން ވަނުމަކީ އެކަން އެންމެ ގޯސްކޮށް ކުރެވޭނެ ގޮތް ކަމަށެވެ. ހަމައެއާއިއެކު މަޖިލީހުގެ 12 މެންބަރުން މަޖިލީހަށް ވަނަނުދީ ގައަށް އަތްލައި ފާރުމަތިން ބޭރުކުރި ކުރުމަކީ ވެސް އެކަން އެންމެ ގޯސްކޮށް ކުރެވޭނެ ގޮތް ކަމަށެވެ.
މުއްޠަލިބް ވިދާޅުވީ ސަލާމަތީ ބާރުތައް ލައްވައި މިފަދަ ބޮޑެތި ގިނަ ޖަރީމާތައް ހިންގުވާފައިވުމުން އެކަންކަމަށް ސަލާމަތީ މާރުތަކުން މިހާރު އިތުރަށް ވިސްނާނެ ކަމަށެވެ. "އެހެންވީމާ ރައީސް ޔާމީނު ކިތަންމެ ވަރަކަށް ބޭނުންފުޅުވި ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރައްވައި ވެރިކަން ދަމަހައްޓަވަން ސަލާމަތީ ބާރުތަކުން އެއްބާރުލުން ދޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ."
މުއްޠަލިބް ވިދާޅުވީ ޕީޕީއެމުން އެބުނާ "އަނގޮޓި" ބޭނުންކުރީ ޕީޕީއެމުން ކަމަށާއި ބޭނުން ކުރެވުނީ މަދު ރަށެއްގައި ކަމަށެވެ. އެގޮތުން ކޮލަމާފުށްޓަކީ 1 ރަށް ކަމަށްވެދާނެ ކަމަށާއި އެރަށުން އިބޫގެ 61 ވޯޓު ބާޠިލުވެފައިވާ ކަމަށެވެ.
މުއްޠަލިބް ވިދާޅުވީ ވޯޓުލީ ދުވަހު ކޯލިޝަނުން ފައިސާތަކެއް ޚަރަދުކުރި ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "އެންމެ ކުޑަމިނުން ޖަގަހަ ތަކުގައި މަސައްކަތްކުރި ކުދިންނަށް ސައިފޮދެއްވެސް ނުލިބި ދިއައީ. ރައްޔިތުން އެދުވަހު މަސައްކަތްކުރީ ހަމަ އެކަނި ޤައުމީ ކަމެއްގެ ގޮތުގައި ދެކެގެން." ކަމަށްވެސް މުއްޠަލިބް ވިދާޅުވިއެވެ.