23 ސެޕްޓެމްބަރުގެ ރިޔާސީ އިންތީޚާބު ބާޠިލުކުރުމަށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.
ނިންމާލާފައިވަނީ މާދަމާ 10.30 އަށް އިތުރު އަޑުއެހުމެއް ތާވަލުކުރުމާއިއެކު ގައެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ވަނީ 3 ގަޑިއިރަށްވުރެ ގިނައިރު ކުރިއަށް ގެންގޮސްފައެވެ.
ރައީސް ޔާމީނު ތުހުމަތު ކުރައްވާ ކަންކަން ތަޙްޤީޤް ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިފައިވާ މައްސަލައިގައި ގިނަ ބައަކު ބުނަނީ އެފަދަ އަމުރެއް ނެރެދީފިނަމަ އެ ތަހްޤީޤް ދުވަހަކުވެސް ނުނިމޭނެ ކަމަށާއި ރައީސް ޔާމީނު ބޭނުންފުޅުވެގެން އެ އުޅުއްވަނީ ތަޙްޤީޤް ބަހަނާއަކަށް ދައްކައި އިންތިޚާބަކާއި ނުލައި ވެރިކަމުގައި ހުންނަވަން ކަމަށެވެ.
ރިޝްވަތު ހިފި ކަމަށް ތުހުމަތުކޮށް 2 ފަނޑިޔާރުން ހައްޔަރުކުރިތާ 9 މަސްވީއިރުވެސް ތަޙްޤީޤަށް އިތުރު އެއްވެސް ކުރިއެރުމެއް ނުލިބި ވަނިކޮށް އެއީ އެއްވެސް އަސާސެއް ނެތް މައްސަލައެއްކަން މިހާރު ވަނީ ހާމަވެފައެވެ. ކުރި ތުހުމަތުތައް ސާބިތުކުރަން އެއްވެސް ހެއްކެއް ނުދެއްކުނުކަން ހާމަކޮށް ކްރިމިނަލް ކޯޓުން މިހާރު ވަނީ މައްސަލަ ބާޠިލުވެސް ކޮށްފައެވެ.