ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އއ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފަސް މައްސަލައެއްގައި، އެދެބޭފުޅުން ހައްޔަރު ކުރުމުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރެއް މިއަދު އެކޯޓުން ބާތިލު ކޮށްފިއެވެ.
މުހުތާޒުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކޮށްފައިވެއެވެ. އެއީ ސައްޙަ ނޫން ލިޔުމެއް އުފެއްދިކަމުގެ ދައުވާއާއި، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްޙަ ނޫން ގޮތުގައި އުފައްދާފައިވާ ލިޔުމެއް ދެއްކުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާއެވެ. އޭގެ ތެރެއިން ޓެރަރިޒަމްގެ މައްސަލައަށް މިހާރު ހުކުމް ކުރެވިފައިވާއިރު އަނެއް ދެ ދައުވާއާއި ގުޅިގެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ އަމުރު މިއަދު ކްރިމިނަލް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާގެ ތެރެއިން ހުކުމް ނުކޮތް އޮތް ތިން ދައުވައެއްގެ އަޑުއެހުން މިއަދު އޮތެވެ. އެއީ އޭނާގެ މައްޗަށް ކުރާ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްޙަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުންތަކެވެ.
މިތިން ދައުވާއާއި ގުޅިގެން ވެސް ނިހާން ހައްޔަރުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރުވެސް ވަނީ ބާތިލު ކޮށްފައެވެ.