އިންތިޚާބު ބާޠިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ހުށަހަޅާފައެއް ނެތް: ޙިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އިންތިޚާބު ބާޠިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ހުށަހަޅާފައެއް ނެތް: ޙިސާން
23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު ބާޠިލުކުރަން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ އެއްވެސް އަސާސެއް، ޙަޤީޤަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށް ޝަރީއަތުދައި ތަދައްޚުލުވެވަޑައިގެންނެވި ޤާނޫނީ ވަކީލުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ހިސާން ވިދާޅުވީ ރައީސް ޔާމީނު ހުށަހެޅުއްވި އެއްވެސް ކަމަކީ ހިނގާފައިވާ ކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.

"ރައީސް ޔާމީނު ހުށަހަޅުއްވާފައިވާ ޝަކުވާތަކުގައި މިހިމެނެނީ 1. ދެލި ފޮހެވޭ ގަލަމެއްގެ ވާހަކަ. 2. ލިޔެވޭ އަނގޮނޓިއެއްގެ ވާހަކަ. 3. ކޮންމެވެސް ގޮތަކުން ހޫނުވުމުން ފާހަގަ ފޮހެވޭ ވޯޓު ކަރުދާސްތަކެއްގެ ވާހަކަ.

މިއީ ބަލި ޤަބޫލުނުކުރެވިގެން އެބޭފުޅުން ހައްދަވާފައިވާ "ބުއްދި ޤަބޫލު ނުކުރާ، މޮޔަ" ތިއަރީތަކެއަގެ މައްޗަށް ހުށަހަޅުއްވާފައިވާ ކަންތައްތަކެއް. އެތިއަރީގައި ހިމެނޭ ކަންކަން ސާބިތުކުރުމަށް އެއްވެސް ޙެއްކެއް ނުވަތަ ޤަރީނާ އެއްވެސް ހުށަހަޅާފައެއް ނުވޭ.

ހަމައެއާއެކު 2013 ވަނަ ސްޕްރީމް ކޯޓުން ނިންމާފައިވާ 42 ނަމްބަރު ޤަޟިއްޔާގައި އެބަ އޮވޭ ޢާންމު މަޞްލަހަތަށް އަސަރުކުރާ ގޮތަށް ކަންތަތއް ހިނގައިދާ އިންތިޚާބުތަކުގައި އަދި އިންތިޚާބަކީ އިންޞާފުވެރި މުސްތަޤިއްލު ކޮމިޝަންތަކުން ހިންގާފައި ނުވާ އިމްތިހާނެއްކަމަށް ކަނޑައެޅުމުގެ ގައިޑްލައިންތައް. އެ ގައިޑް ލައިނުގަ 6 ނުކުތާއެއް އެބަ އޮވޭ. އެ 6 ނުކުތާގަ ހިމެނޭ އެއްވެސް ކަމެއް ހިނގާފައިވާކަން ސާބިތުކޮށްދޭން ވެސް އެއްވެސް ކަމެއް ހުށަހަޅާފައެއް ނުވޭ. ވީމާ ސްޕްރީމް ކޯޓުގެ މި ނިންމުމަށް ބެލި ނަމަވެސް މި އިންތިޚާބަކީ ބާޠިލު ކުރެވޭނެ އިންތިޚާބެއް ނޫން."

ހިސާން ވިދާޅުވީ ސިއްރު ހެކި ހުށަހަޅަން ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދުނު ކަމަށާއި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. "އުއްތަމަ ފަނޑިޔާރު ވިދާޅުވި އެ ސިއްރު ހެކިތައް ޤަބޫލުކުރުމާއި ބެހޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން އަދި ވަކި ގޮތެއް ނުނިންމާކަމަށް."

ހިސާން ވިދާޅުވީ އިންތިޚާބެއް ބާޠިލުކުރެވޭނީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ކަމެއް ހިނގާފައިވާކަން ސާބިތުކުރެވިގެން ކަމާއި އަދި އެފަދަ ކަމެއް ހިނގާފައިވާކަމަށް ޝަރީއަތަށް ފެނުނު ނަމަވެސް ބާޠިލު ކުރެވެނީ އެކަމެއް ހިނގި ސަރަހައްދެއްގެ ނަތީޖާކަން ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ. އަދި އިންތިޚާބު ބާޠިލުކުރެވޭނެ އެއްވެސް ސަބަބެއް ހުށަހަޅާފައި ނެތްކަންވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ.

ހިސާންގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން