ރިޔާސީ އިންތިޚާބު ބާޠިލުކުރަން ހުށަހެޅީ ވަރަށް ވަރުގަދަ މައްސަލައެއް- ނަމަވެސް އެކަންކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ދޭން ދަތި: އަދުރޭ
ރިޔާސީ އިންތިޚާބު ބާޠިލުކުރަން ސްޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށާއި ނަމަވެސް އެކަންކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ދެއްވަން ދަތިކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ކުރިއަށް ގެންދާ "އޮޅުވާލި ވޯޓު" މުޒާހަރާގައި ވާހަކަ ދައްކަވަމުން އަދުރޭ ރޭ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފަށް ޖެހިވަޑައިގަންނަވާނީ "ކުޑަކަކޫ ޖެހެން" ކަމަށެވެ.
"މި މައްސަލައިގައި. އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ، ތިއަ ބޭފުޅުންނާ އެކީގައި ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން،" ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިންތިޚާބު އޮތް ދުވަހުގެ ރޭ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޕީޕީއެމުން މައްސަލަ ހުށަހަޅަން މަސައްކަތް ކުރުމުން އީސީ އިން ގަސްތުގައި ހުރަސް އެޅި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އިންތިޚާބު އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުކޮށް ދެއްވަން ޝަރީފް ކަންތައްތަކެއް ކުރައްވާފައިވާކަމަށް ތުހުމަތު ކުރައްވައި އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުގައި އެކަން ސާބިތު ކުރުމަށް ތައްޔާރު ކަމަށެވެ.