އަނގޮޓިއަކާ ބެހޭ ވާހަކައެއް ފުރަތަމަ އަޑު އިވުނީވެސް އިންތިޚާބު ނިމުނުފަހުން ނޫސްވެރިއެއްގެ ކިބައިން: ޝަރީފް
ނިމިގެންދިއަ އިންތިޚާބުގައި ބޭނުންކުރި ކަމަށް ބުނާ އަނގޮޓިއަކާއި ބެހޭ އެއްވެސް ވާހަކައެއް ފުރަތަމަ އަޑު އިވުނީވެސް އިންތިޚާބު ނިމުނުފަހުން ނޫސްވެރިއެއްގެ ކިބައިން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށްގެންދިއަ ޝަރީޢަތުގެ މަޖިލީހުގައި ވަނީ "އެ އަނގޮޓި" ބޭނުންކުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން "އެ އަނގޮޓި" ބޭނުންކުރަމުން ދަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް ރައީސް ޔާމީނުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅައިފައެވެ. އަދި ޝަރީފްގެ އެންގުމަށް "އެ އަނގޮޓިތައް" ރާއްޖެއަށް އެތެރެކުރި ކަމަށް ބުނާ މީހާ ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ހެކި ސިއްރުކުރަން ބޭނުންވާ ސަބާއިމެދު ސުވާލުކުރައްވައިފައެވެ. ޖަވާބުގައި ބުނެފައިވަނީ ސިއްރުކުރަން ބޭނުންވަނީ މާހައުލުގެ ގޮތުން ކަމަށެވެ. ކަރުދާހުގައި ކިޔަން ބޭނުންކުރެވޭ ތުނޑެއް ހުންނަ އަނގޮޓީގެ 300 ވަރަކަސް އަނގޮޓި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވި ކަމަށް ވެސް ވަނީ ބުނެފައެވެ.
ޝަރީފް ވިދާޅުވީ އަނގޮޓިއެއް ނުވަތަ އަނގޮޓިއެއް ރާއްޖެއަށް އެތެރެކުރުމާއިބެހޭ ގޮތުން އެއްވެސް މީހަކާއި އެއްވެސް ވާހަކައެއް ދުވަހަކުވެސް ދައްކަވާފައި ނުވާނެ ކަމަށާއި އެފަދަ ކަމަކާއި ޝަރީފް އާއި ގުޅުވައިގެން ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
މިކަމާއި ގުޅިގެން މެންބަރު ސިނާން އިއްޔެ ވިދާޅުވީ އަނގޮޓިތައް އެތެރެކުރީ ޕީޕީއެމުން ކަމަށާއި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންގެ އަތުގައި މިހާރުވެސް އަނގޮޓިތައް އެބަހުރި ކަމަށެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ ވޯޓު ކަރުދާހުގައި ކުރަހައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވޯޓުތައް ބާޠިލުކޮށް ނަތީޖާ ބަދަލުކުރުމަށްޓަކައި "އެ އަނގޮޓި" އެތެރެކުރީ ޕީޕީއެމުން ކަމަށާއި މާތް ﷲ އެކަމަށް ފުރުޞަތު ނުދެއްވެވުމުން ކުރަން ބޭނުންވި ގޮތަށް ކަންތައްތައް ނުކުރެވުނީ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ އެކަން ޝަރީފުގެ އިސްތަށިފުޅުގައި އަޅުވައި ނާޖާއިޒު ފައިދާ ނަގަން ކަމަށެވެ.