މަދުވަނީ އުދުހޭ މުސައްލައެއްގެ މައްސަލަ: ޙިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މަދުވަނީ އުދުހޭ މުސައްލައެއްގެ މައްސަލަ: ޙިސާން
ނިމިގެންދިއަ ރިޔާސީ އިންތިޚާބު ބާޠިލުކުރަން ރައީސް ޔާމީނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ވަކީލުން ދައްކާ ވާހަކަތަކަށް ބައްލަވާއިރު މަދުވަނީ އުދުހޭ މުސައްލައެއްގެ ވާހަކަ އެކަނި ކަމަށް ކޯލިޝަން ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުންތައް ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޙިސާން ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އިއްޔެއަށްވުރެ އިތުރު އައުކަމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އިއްޔެ ދެއްކި ވާހަކަތައް ސާބިތުކުރުމަށް ޑޮކިޔުމަންޓްތައް ހުށަހަޅާފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ މިއީ ދުސްތޫރީ މައްސަލއެއް ނޫންކަން މިއަދުވެސް ފާހަގަކުރެއްވުމުން "މައްސަލަ ކުރިއަށް ގެންދަނީ މިއީ ދުސްތޫރީ މައްސަލައެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިގެން" ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.

އިތުރު ޝަރީއަތުގެ މަޖިލީހެއް މާދަމާ ހެނދުނު 10.30ގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ސިއްރު ހެކިން ޤަބޫލުކުރުމާއިމެދު މާދަމާގެ ޝަރީޢަތުގެ މަޖިލީހުގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ވޯޓު ކަރުދާސް ޗާޕުކުރާނެ ކަރުދާސް ސިންގަޕޫރު ކުންފުންޏަކުން އެތެރެކޮށްފައިވުމާއި ރައީސް ޔާމީނުގެ އަރިއަހުގައި ނުދަންނަވައި އެމް7 އާއި ޗާޕްކުރަން ހަވާލުކުރުން އެއީވެސް ވަރަށް ބޮޑެތި ޖަރީމާގެ ގޮތުގައި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ވަނީ ފާހަގަކޮށްފައެވެ.

އެމް7 އިން ބުނެފައިވަނީ ވޯޓު ކަރުދާސް ޗާޕުކުރީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ލިބިގެން ކަމަށެވެ. އަދި އެއިރު އެމް7 އިން ޗާޕުކުރަނީ ނޮވެލްޓީއަށްވުރެ އަގުބޮޑުކޮށް ކަމަށް މީޑިއާތަކުގައި ހާމަކުރުމުންވެސް ޕީޕީއެމުން އެއްވެސް ވަރަކަށް އެކަމަށް އަޅައިލާފައެއް ނުވެއެވެ. ހުރިހާ މައްސަލަތަކެއްވެސް ފެންމަތިކުރީ އިންތިޚާބުގައި ބޮޑުތަނުން ބަލިވުމުންނެވެ.


މިއަދު އޮންލައިން