ކިންގް ސަލްމާނަށް ހުޅުވާލެވިފައިވާ ސިޓީއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ކިންގް ސަލްމާނަށް ހުޅުވާލެވިފައިވާ ސިޓީއެއް-

އިއްޒަތްތެރި މަނިކުފާނުއެވެ. ޚާއްޞަ ޖެޓެއް ފޮނުއްވައި ދިވެހި ރައްޔިތުންގެ ތާއީދު އެބޭފުޅަކަށް އެންމެ ބޮޑަށް އޮތް ރައީސް މުޙައްމަދު ނަޝީދު ސައުދި ޢަބިޔާއަށް އިއްޔެ މަނިކުފާނު ވަނީ ގެނަދަވައިފައެވެ. އެކަމަށް މަރުޙަބާ ދަންނަވަމުއެވެ. ޝުކުރުވެސް ދަންނަވަމުއެވެ.

މިދަތުރުފުޅުގެ މައިގަނޑު އެޖެންޑާގައި 2 ކަމެއް އޮވެދާނެ ކަމަށް ޤަބޫލުކުރަމުއެވެ. ފުރަތަމަ ކަމަކީ ރައީސް ޔާމީނުގެ ވެރިކަމުގައި މަނިކުފާނު ނަގުދު ފައިސާއިން ދިވެހި ރައްޔިތުންނަށް ދެއްވެވި ބޮޑެތި އަދަދުތަކުގެ ނުވަތަ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ތަފްޞީލުތައް ހާމަކޮށް ދެއްވެވުމެވެ.

ޢިއްޒަތްތެރި މަނިކުފާނުއެވެ. ޒަމާނުންސުރެ ސައުދިއަރަބިޔާއިން ދެމުން އައި ކަދުރުކޮޅު ވެސް ފާއިތުވީ 2 އަހަރު ހަމަހަމަ ކަމާއިއެކު ރައްޔިތުންނަށް ނުލިބުނު ފަދައިން މަނިކުފާނުގެ މި ބޮޑެތި ދީލަތި އެހީފުޅުތައްވެސް ރައްޔިތުންނާއި ހަމައަށް އައި ކަމަކަށް އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ބޮޑެތި އަދަދުތަކުން މަނިކުފާނު ވެދެއްވި އެހީފުޅުތައް އެމްއެމްއޭގެ އެކައުންޓަށް ޖަމާވިކަން އަޅުގަނޑުމެންންށް ޔަޤީންވާނީ އެމްއެމްއޭގެ އެކައުންޓަށް އެފައިސާ ޖަމާވިކަން އެނގުމުންނެވެ. އެކަން ކުރެވޭނީ އެ ފައިސާގެ ތަފްޞީލު މަނިކުފާނު ދެއްވަވައިގެންނެވެ.

އެޖެންޑާގެ 2 ވަނަ ކަމަކަށް ވެދާނެ ކަމަށް ބެލެވެނީ ރައީސް ޔާމީނަށް ސަލާމަތުން ސައުދިއަރަބިޔާއަށް ވަޑައިގެންނެވޭނެ ގޮތް ވުމެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ވެސް އަދި ޔަމަނުގެ ބޮޑު ވަޒީރަށް ވެސް މަނިކުފާނު ހިމާޔަތް ދެއްވެވި ފަދައިން ރައީސް ޔާމީނަށް ވެސް ހިމާޔަތް ދެއްވެވުމަށް މަނިކުފާނު ބޭނުންފުޅުވެދާނެއެވެ.

އެހެންކަމަށްވާނަމަ މަނިކުފާނުގެ އަރިއަހުން ރައްޔިތުން އެދި ދަންނަވާ ވަރަށް ބޮޑު އާދޭހެއް އެބަ އޮތެވެ. އެއީ ފާއިތުވި 5 އަހަރު ތެރޭ ވައްކަން ކޮށްފައިވާ ރައްޔިތުންގެ ފައިސާ އާއި ކޮރަޕްޝަނުގެ ގޮތުގައި ނަގާފައިވާ ރައްޔިތުންގެ ފައިސާ މަނިކުފާނު ދެއްވެވުމެވެ.

މާތް މަނިކުފާނުއެވެ. މިއީ މަދު އަދަދެއް ނޫނެވެ. ބެލެވޭ ގޮތުން ފާއިތުވި 5 އަހަރުތެރޭގައި ރައްޔިތުންގެ ފައިސާއިން މަދުވެގެން 20 ބިލިއަން ރުފިޔާ ވަނީ ގެއްލިފައެވެ. ފުރިހަމަ އޮޑިޓެއް ކުރެވިއްޖަނަމަ މިއަދަދު 30 ބިލިއަން ރުފިޔާ އަށްވުރެ އިތުރުވުމަކީ ވަރަށް ގާތް ކަމެކެވެ. މީގެ ތެރެއިން ބައެއް ޙަރާމް ގޮތުގައި ރައީސް ޔާމީނުގެ ގެކޮޅަށް ވައްދަވައި ބޭނުންފުޅުކުރެއްވެވި ކަމަށް ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެވަޑައިގަންނަވައިފައެވެ.

މައްސަލަ ނުބެލި އޮތީ އެކަން ކުރާނެ އެއްވެސް މުއައްސަސާއެއް ރާއްޖޭގައި ނެތުމުންނެވެ. ތަހްޤީޤް ކުރަން ރައްޔިތުން ގެނަދަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް ރައްޔިތުންގެ ގޮވާލުންތަކުގެ އަޑުގައި އަދިވެސް މިވަނީ ކަސްތޮޅު އަޅުވައި މައްސަލަ ބެލިއަ ނުދީފައެވެ. އޭސީސީ އިން ބަލަން ފެށި މައްސަލައިގައި ވެސް ވަނީ ހިލިހިލާ ޖަހައިފައެވެ.

މާތް މަނިކުފާނުއެވެ. މި ދެއްކެނީ 2 ބިލިއަނެއްހައި ޑޮލަރުގެ ވާހަކައެވެ. މިއީ މަނިކުފާނުގެ ކުރިފުޅުމަތީގައި 2 އޮށް ކަދުރު ވަރުގެ ކުޑަ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މިއީ ވަރަށް ބޮޑު އެއްޗެކެވެ. އަންނަން އޮތް ޖީލުތަކުގައިވެސް ދައްކައި ނުނިމޭނެވަރުގެ ބޮޑު ދަރަންޏެކެވެ.

އެހެންކަމުން އަޅުގަނޑުމެންގެ އާދޭހަކީ ރައީސް ޔާމީނަށް މަނިކުފާނު ހިމާޔަތް ދެއްވަވާނެ ނަމަ ރައީސް ޔާމީނުގެ ވެރިކަމުގައި ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ކޮރަޕްޝަނުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ބޮޑު ގެއްލުން މަނިކުފާނު ފޫބައްދަވައި ދެއްވެވުމެވެ. އެ ބޮޑު ގެއްލުމުން ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވެވުމެވެ.

ޢިއްޒަތްތެރި މަނިކުފާނުއެވެ. ދިވެހިންނަކީ ޒަމާނުންސުރެ ސައުދިޢަރަބިޔާއަށް ވަރަށް އިޙްތިރާމްކުރާ ބައެކެވެ. ސައުދީ ރައްޔިތުން ދެކެ ވަރަށް ލޯބިވާ ބައެކެވެ. ރާއްޖޭގެ ވެރިންނަށްވުރެ ވެސް ސައުދީގެ ރަސްކަލުން ދެކެ ލޯބިވާ އަދި އިޙްތިރާމް ކުރާ ބައެކެވެ.

މަނިކުފާނަށް އޮތް ލޯބީގެ ބޮޑުކަން އަދި މާބޮޑެވެ. ރާއްޖެއަށް ޒިޔާރަތް ކުރައްވައި އަޅުގަނޑުމެންގެ ހާލަތު ބައްލަވައިލައްވަވައިފައިވާތީއެވެ. ސައުދީގެ ރަސްކަލުންގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ދިވެހިންނަށް ފޯރުކޮށް ދެއްވެވީ މަނިކުފާނު ކަމަށްވާތީއެވެ. ވީމާ އަޅގަނޑުމެންގެ މި ބޮޑު އާދޭސް ޤަބޫލުފުޅު ކުރައްވަވާނެ ކަމުގެ އުފާވެރި އުންމީދާއި އިންތިޒާރުގައި ކެތްތެރިވެ ތިބީމުއެވެ.
16 އޮކްޓޯބަރ 2018
ދިވެހިރައްޔިތުން
މިއަދު އޮންލައިން