ރައީސް މުޙައްމަދު ނަޝީދު، ސައުދިޢަރަބިޔާއަށް ވަޑައިގަތުމުން ހަތަރެސް ފައިގަ ހިލިހިލާ ޖަހައިގެން ރާއްޖެ ގެނެސް ޖަލު ގޮޅިއަށް ލެވޭނެ ގޮތެއް ނިކަން އަވަހަށް ހަމަޖައްސަން ޖެހޭ ކަމަށް ހޯމް މިނިސްޓަރުގެ ނައިބް އަޙްމަދު ޞިއްދީޤް ވިދާޅުވެއްޖެއެވެ.
ޞިއްދީޤް ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ޓެރަރިޒަމުގެ 13 އަހަރުގެ ޖަލު ޙުކުމަށް ފިއްލަވައިގެން އުޅުއްވާ މުޖްރިމެއް ކަމަށެވެ.
ޞިއްދީޤް މިމޭރުމުން ވިދާޅުވެފައިވާއިރު އދ އާއި ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފަިވާ ޙުކުމް ޤަބޫލުނުކޮށް ކުށްވެރިކޮށްފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ވަގުތުން ބާޠިލުކޮށް ވަގުތުން މިނިވަންކުރުމަށް ދަނީ މިހާރުވެސް ގޮވާލަމުންނެވެ.
އިނގިރޭސި ވިލާތުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ސައުދީ ރަސްގެފާނު އިއްޔެ ވަނީ ޚާއްޞަ ޖެޓެއް ފޮނުއްވައި އެމަނިކުފާނުގެ ޚާއްޞަ ދައުވަތަކަށް ސައުދިޢަރަބިޔާއަށް ގެންދަވައިފައެވެ.
ރާއްޖޭގެ ޖަލުތަކުގެ ބެލެނިވެރިފަރާތަކީ ހޯމް މިނިސްޓްރީ ކަމަށްވުމުން އެމިނިސްޓްރީގެ ނައިބް ޞިއްދީޤްގެ މިބަސްފުޅަކީ ގިނަބައަކު ކަންބޮޑުވާ ވާހަކަތަކެކެވެ.
ހޯމް މިނިސްޓަރުގެ ނައިބް އަހްމަދު ޞިއްދީޤް ރޭ ކުރއްވާފައިވާ ޓްވީޓް:
"ޓެރަރިޒަމުގެ 13 އަހަރުގެ ޖަލު ޙުކުމަށް ފިލައިގެން އުޅޭ ކެރަފާ މުޖްރިމް، ރައީސް މުޙައްމަދު ނަޝީދު، ސައުދިއަށް ދިއުމުން އޭނާ ހަތަރެސް ފައިގަ ހިލިހިލާ ޖަހައިގެން ރާއްޖެ ގެނެސް ޖަލަށް ގޮޅިއަށް ލެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ނިކަން އަވަހަށް."
Terrorism ge 13 aharuge jalu Hukumah filaigen ulhey Kerafaa Mujurim @MohamedNasheed Saudi ah dhiumun Eynaa hathares faigaa hilihilaa jahaigen rajje genes jalah golhiyah leveyne gotheh hamajassan jejey Nikan avahah.
— أَحْمَدُ صِدِّيْقُ (@AhmedSiddeeq) October 15, 2018