ސިއްރު ހެކިންގެ ހެކި ބަސް ނުނެގުމަށް ސްޕްރީމް ކޯޓުން ނިންމުންނާއި މައްސަލަ ނިމޭނީ ރައްޔިތުން ލީ ވޯޓާއެއްގޮތަށް ކަމަށް އުންމީދުކުރައްވާ ކަމަށް ކޯލިޝަން ތަމްސީލު ކުރެއްވި ޤާނޫނީ ވަކީލު ޙިސާން ހުސައިން ވިދާޅުވުމުން ރައްޔިތުން ސްޕްރީމް ކޯޓު ސަރަހައްދުގައި އުފާ ފައުޅުކުރަމުން އެބަގެންދެއެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުމަށްފަހު ޙިސާން ޙުސައިން ވިދާޅުވީ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުނީ ކަމަށް މިއަދު ކަނޑައަޅާފައިވާ ކަމަށާއި ރައީސް ޔާމީން ހުށަހެޅުއްވި ސިއްރު ހެކިންނަކީ ބަލައިގަނެވޭނެ ހެކިން ނޫން ކަމަށް ކަމަށެވެ.
ހިސާން ވިދާޅުވީ އެންމެ ފަހު ބަސް ބުނުމުގެ ނުވަތަ ޚުލާޞާ ބަޔާން އިއްވުމުގެ ފުރުޞަތު މިއަދު ފަނޑިޔާރުން ދެއްވި ކަމަށެވެ. އެހެންކަމުން ދައުވާ ކުރެއްވި ރައީސް ޔާމީނުގެ ފަރާތްޕުޅުންނާއި ދައުވާ ލިބޭ އިލެކްޝަންސް ކޮމިޝަނުން ވަނީ ޚުލާޞާ ބަޔާން އިއްވާފައި ކަމަށެވެ.
ހިސާން ވިދާޅުވީ މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވަނީ ކަންތައްތަކެއް ހިނގާފައިވެދާނެ ކަމުގެ ތުހުމަތުތަކެއްކަން ކޯލިޝަނުގެ ވަކީލުން ފާހަގަ ކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަލުއްވާފައިވާ މިޔަ، ހުވަފެނީ ކަންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ.
ހިސާން ވިދާޅުވީ މިކަންކަމުގެ އިތުރުން 2013 ވަނަ އަހަރު ސްޕްރީމް ކޯޓުން އެކުލަވައިލި މިންގަނޑުތަކާއި އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަންވެސް ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ.
"މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުނުކަން ކަނޑައަޅަން ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ މިންގަނޑުތައް ނުވަތަ ކްރައިޓީރިއާތަކުގެ ވާހަކަ މިދެންނެވީ. އެފަދަ އެއްވެސް ކަމެއް ހިނގައިދިއަކަން މައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށް ދެވިފައެއް ނުވޭ." ޙިސާން ވިދާޅުވިއެވެ.