މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް ލިބުނު ވޯޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބުނު ވޯޓުކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ ހުށަހަޅާފައިވަނީ ވޯޓު ކަރުދާހުގައި ރައީސް ޔާމީން (ކެންޑިޑޭޓް ނަންބަރު 1) ގެ ނަމާއި ދިމާލުގައި އިން ގޮޅީގައި ފާހަގަ ޖެހުމުން އިންތިހާބީ ރައީސް ސޯލިހު (ކެންޑިޑޭޓް ނަންބަރު 2) ގެ ނަމާއި ދިމާލު ގޮޅިއަށް އެފާހަގަ (ފޫދިގެން) ތިރިއަށް ފޭބިކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ހައިކޯޓަށް މިމައްސަލަ ހުށަހަޅާފައިވަނީ ޤާނޫނީ ވަކީލު އަބްދުލްމާނިއު ޙުސެއިން އެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓުކަރުދާހުގައި ކެންޑިޑޭޓް ނަންބަރު އެކަކާއި ދިމާލުގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަންބަރު ދޭކާއި ދިމާލަށް އެފާހަގަ ފޭދޭ ކަމަށާއި ކެންޑިޑޭޓް ނަންބަރު ދޭކާއި ދިމާލުގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަންބަރު އެކަކާއި ދިމާލަށް މައްޗަށް އަރާކަމަށް މުއުތަބަރު ހެކި ލިބިފައިވާ ކަަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ލިބިފައިވާ ވޯޓަކީ ކެންޑިޑޭޓް ނަންބަރު ދޭކަށް ލިބުން ވޯޓުކަމަށާއި ކެންޑިޑޭޓް ނަންބަރު ދޭކަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު އެކެއްގެ ވޯޓު ކަމަށް ކަނޑައަޅައި ދިނުމަށް ހައިކޯޓުގައި މާނިއު އެދިފައިވެއެވެ.
ވޯޓުކަރުދާހުގެ ފާހަގައާއި ގުޅޭ ގޮތުން ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވެސް ވަނީ ދާދި ފަހުން ވާހަކަތަކެއް ވިދާޅުވެފައެވެ.
ވަރަށް ފަހުން ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވެތިބި މަދުމީސްކޮޅަކާއި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ "ދައްތައަކު" އޭނާ ގާތަށް ގޮސް ފާހަގަ ބަދަލުވީތަން ލޮލުން ދެކުންކަމަށް އޭނާގެ ކޮއްކޮއަކު ބުނިކަމަށެވެ.
"އެދައްތައަކު އައިސް މިބުނަނީ، ތިމަންނަގެ ކޮއްކޮ އައިއްސަ ބުންޏޭ، އޭނާ ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހީ 1 ނަންބަރާ ދިމާލުގައޭ! ތިމަންނާގެ ކޮއްކޮ ތިމަންނާގާތު އައިސް ﷲ ގަންދީ ހުވާ ކޮށްފައި ބުންޏޭ ތިމަންނާ ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖެހީ 1 ނަންބަރާ ދިމާލުގައޭ. ތިމަންނައަށް ކުރިން އަޑުއިވިފަ ހުރި ބައެއް ވާހަކަތަކަށް ރިއާޔަތްކޮށްފަ ތިމަންނަ ކުޑަކުޑަ އިރުކޮޅަކަށް މަޑުކުރީމޭ، ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށް ފަހުގަ. ތިމަންނަ ﷲ ގަންދީ ހުވާ ކޮށްފައޭ މިބުނަނީ ތިމަންނަ ބަލަން ހުއްޓާ އެފާހަގަ ތިރިވީ ނަންބަރު 2 އާއި ދިމާލަށޭ! ތިމަންނަ ﷲ ގަންދީ ހުވާ ކޮށްފައޭ މިބުނަނީ. ދެން އަޅުގަނޑު ކައިރީގަ މިދައްތަ މިއައްސަވަނީ މުއާއޭ މިހެން މިކަން ވެދާނެހޭ؟! އަޅުގަނޑު ދެންނެވިން އެދައްތަ ކައިރީގަ، ތިހެން ނުވާނެ ހަމަ އެއްވެސް ސަބަބެއް ނެތޭ!" މުއާ ވިދާޅުވެފައިވެއެވެ.
ޓީވީއިން ލައިވް ވެސް ކުރަނިކޮށް މުއާޒް މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު، އެފަދަ ހާދިސާއެއް ހިނގިނަމަ ދެން "އެދައްތަ" ގެ ކޮއްކޮ ކަންތައް ކުރެއްވީ ކިހިނެއްތޯ އާއި ފާހަގަ ބަދަލުވުމުން ވެސް ވޯޓު ކަރުދާސްކޮޅު ވޯޓު ފޮށްޓަށް ވައްޓާލީތޯ އާއި އެވަގުތު އޭގެ އެއްވެސް މައްސަލައެއް ވެސް ނުޖައްސާތޯ މީހުން ވަނީ ސުވާލު އުފައްދާފައެވެ. އަދި މިފަދަ ސުވާލުތަކެއް މުއާޒް ވެސް އެދައްތައާއި ނުކުރައްވާތޯ އަހާ އެފަދަ ވާހަކައެއް ކިޔައި ދިނުމުގެ ކުރިން ރައީސް ޔާމީންގެ ތަރުޖަމާނު އެކަމުގެ ދެކޮޅު ނުބައްލަވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މުއާޒް އަށް ވަރަށް ބޮޑަށް ފާޑު ކިޔާވެފައެވެ.