ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް 30 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ވެމްކޯއަށް ފީނުދައްކާތާ އެތައް ދުވަހެއް ވެފައިވާތީ، އެޗްޑީސީގެ ކުދި ބަލައިގަތުން ހުއްޓާލައިފިއެވެ.
އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެޗްޑީސީ ގެ ކުނި ބަލައިގަތުން ވެމްކޯ އިން ހުއްޓާލިތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެއެވެ. ކުނި ބަލައިގަތުމުގެ ފީއެއްގެ ގޮތުގައި އެޗްޑީސީއިން ވެމްކޯއަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައިވާކަން ވެސް އެނގިފައިވެއެވެ.
ވެމްކޯއިން ކުނި ބަލައިގަތުން ހުއްޓާލުމުން، އެޗްޑީސީއިން މިހާރު ކުނި ނައްތާލަމުން ގެންދަނީ، ކުރީގެ ނާސަރީގައާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިމައުލޫމާތާއި ގުޅޭގޮތުން އަދި އެޗްޑީސީގެ ވެސް އަދި ވެމްކޯ ގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފައެވެ.