ޖެހުމުންވީ ތަދަށްވުރެ ހަރާމް ހެކިބަސް ނުނެގުމުން ލިބުނު އުފާ މާބޮޑު- މަހުލޫފް

ކިޔުމަށް ހޭދަވާނީ 1މ 19ސ
ޖެހުމުންވީ ތަދަށްވުރެ ހަރާމް ހެކިބަސް ނުނެގުމުން ލިބުނު އުފާ މާބޮޑު- މަހުލޫފް
މިއަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވަނުމަށް ވަޑައިގެންނެވުމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ހަމަލާދިން މީހާއަށް މާފުކޮށްފިއެވެ.

މިކަން ހާމަކޮށް މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ގައިގާ ޖެހި މީހާއަށް މާފު ކޮށްފި ކަމަށާއި ޖެހުމުންވީ ތަދަށްވުރެ ޙަރާމް ސިއްރު ހެކިބަސް ނުނެގުމުން ލިބުނު އުފާ މާބޮޑު ކަމަށެވެ.
މަހުލޫފަށް ހަމަލާދީފައިވަނީ އެމައްސަލައިގެ އަޑުއެހުމަށް ވަނުމަށް ނަންނޯޓު ކުރުމަށްޓަކައި ހެދި ކިޔޫ ފަޅާލާފައި ކުރިއަށް އެރިކަމަށް ބުނެއެވެ. ނަމަވެސް މަހުލޫފް ކިޔު އަށް އެރީ، އެކިޔުގައި އޭނާގެ ބަދަލުގައި އެހެން މީހަކު ބެހެއްޓުމަށްފަހު ކަމަށާއި މިއަދު ހެނދުނު މަހުލޫފް އެރީ އޭނާ ބެހެއްޓި މީހާ ހުރި ޖާގައަށް ކަމަށް ވިދާޅުވެފައިވެއެވެ.

ގަދަބާރުން ބަޔަކު އެމްޕީ މަހުލޫފް ކިޔުއިން ބޭރުކޮށް ނަންބަރު ވެސް ވީދާލި ނަމަވެސް، ފުލުހުން އެމައްސަލަ ބެލުމަށްފަހު ޝަރީއަތުގެ އަޑުއެހުމަށް ވަނުމަށް އޭނާއަށް ވަނީ ފުރުސަތު ދީފައެވެ.
އިންތިހާބާއި ގުޅޭގޮތުން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި މިއަދު އޮތީ އެންމެ ފަހު އަޑުއެހުމެވެ. މިއަޑުއެހުމުގައި ހުށަހެޅި ސިއްރު ހެކިން ބަލައިނުގަތުމަށް ނިންމުމަށްފަހު، ދެން އޮތީ މިމައްސަލައިގެ ހުކުމް އިއްވުން ކަމަށް މިއަދުގެ އަޑުއެހުމުގައި ނިންމާފައިވެއެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހަކާއި ވަގުތެއް އަދި ހުކުމް އިއްވާނެ ގޮތެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.



މިއަދު އޮންލައިން