އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް ބަލަން ފަށައިފި އެވެ.
މަުލޫމާތުލިބިފައިވާގޮތުގައި އޭސީސީ އިން ބަލާ މައްސަލަތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގ ހަރަކާތްތަކެއްގައި ހޮޅިދަނޑިތަކެއް އެޗްޑީސީގެ ހަރަދުގައި ގަނެފައިވާ މައްސަލަ އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން 400 ގޯތި ވިއްކުމާއި ދެކޮޅަށް އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަންގައި ހިމެނޭ ބައެއް ކަންކަން ވެސް ހިމެނެއެވެ.
އެޗްޑީސީން ގޯތި ވިއްކުމާއި ދެކޮޅުހަދައި އެކުންފުނީގެ 160 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނުގައި 19 ކަމެއް ވަނީ ފާހަގަކޮށްފައިއެވެ. އޭގެތެރޭގައި ގޯތި ވިއްކާއަގު ކުޑަވުމުގެ ސަބަބުން ކުންފުންޏަށް މާލީ ބޮޑު ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެކަން ފާހަގަކޮށްފައިވެއެވެ.