އެމްއެންޑީއެފް ޕޭސަސް ޓީމު ރިހި މެޑަލްއާއެކު މިއަދު ރާއްޖެ އައުމުން، ދިވެހި ސިފައިން އެ ޓީމަށް ހޫނު މަރުޚަބާއެއް ކިޔާފައިވެއެވެ. މިގޮތުން، އެމްއެންޑީއެފް ޕޭސަސް ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއެވެ. ބޮޑެތި އަސްކަރިއްޔާތަކެއް ވެސް ވާދަކުރި މި މުބާރާތުގައި ދިވެހި ސިފައިން ހޯދި ކާމިޔާބީއަށް ޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެ ޓީމުގެ މެންބަރުންނާ ބައްދަލުކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވައި، މަރުޚަބާ ދަންނަވާފައެވެ.
އެމްއެންޑީއެފް ޕޭސަސް ޓީމު މާލެ އައުމުން އެ ޓީމަށް މަރުޚަބާ ކިޔުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ވެސް ވަނީ ޚާއްޞަ ހަފުލާއެއް ބާއްވާފައެވެ. އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވި މި ހަފުލާގައި، އެ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޖެނެރަލް އޮފިސަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ހަފުލާގައި ކޭކެއް ވަނީ ފަޅާފައެވެ.އޮކްޓޯބަރު މަހުގެ 8 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ލާހޯރުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 19 ޤައުމަކުން ބައިވެރިވިއިރު، އެ މުބާރާތުގައި ބޭއްވި އިވެންޓްތަކުގެ ތެރޭގައި ހިމެނޭ މިނީ މެރަތަންއިން ކޯޕްރަލް ޙުސައިން ފަޒީލް ހާރޫން ވަނީ ތިންވަނަ ހޯއްދަވާފައެވެ.
ޕާކިސްތާނުގައި އޮންނަ މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރި ކުރީ ސިފައިންގެ 9 ބޭކަލުންގެ މައްޗަށް ހިމެނޭ ޓީމެކެވެ. މި ޓީމުގައި އިތުރު 2 ރިޒާވަރުންނާއި މެނޭޖަރަކު ހިމެނުނެއެވެ.
ފިޒިކަލް ގިނަ ހަރަކާތްތަކަކާ އެކު ކުރިއަށްދިޔަ މި މުބާރާތުގައި 3.2 ކިލޯ މީޓަރު ދުވުމާއި، ޕުލް އަޕްސް، ސިޓްއަޕްސް އަދި ޕުޝް އަޕްސް ފަދަ ހަރަކާތްތައް ހިމެނުނުއިރު، ފަޔަރިންގއާ އެކު ކުރިއަށްދިޔަ ކޮމްބެޓް އެފިޝެންސީ ޓެސްޓް (ސީއީޓީ) ވެސް އޮތެވެ.
ޕާކިސްތާނު އާމީން ކަނޑައަޅާފައިވާ ތަޖުރިބާކާރު އަދި ޓެކްނިކަލް އޮފިޝަލުންގެ ޓީމަކުން ވިލަރެސްކުރި މި މުބާރާތަކީ، ސަރަހައްދީ ޤައުމުތަކުގެ ސިފައިންގެ ފިޒިކަލް ފިޓްނަސް ލެވެލް މަތިކޮށް، ސިފައިންގެ ފިޓްނަސް ލެވެލް މޮޑާން ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
އިންޑިވިޖުއަލް އަދި ޓީމު އިވެންޓެއްގެ ގޮތުގައި ކުރިއަށްދިޔަ މި މުބާރާތުގައި އެންމެ މޮޅު ތިން ޓީމާއި، މުބާރާތުގައި ބައިވެރިވާ ހުރިހާ ސިފައިންގެ ތެރެއިން އެންމެ ރަނގަޅަށް ސްކޯރކުރާ "ފިޓެސްޓް އޮފް ދަ ފިޓް" ގެ މަޤާމު ހޮވާފައިވެއެވެ. އެމްއެންޑީއެފްގެ ޕޭސަސް ޓީމު ވަނީ މި މުބާރާތުގައި 2016 ވަނަ އަހަރު ވެސް ބައިވެރިވެ، އިންޑިވިޖުއަލް ކާމިޔާބީތަކެއް ހޯދާފައެވެ. އަދި މިއީ މި މުބާރާތުގައި ސިފައިންގެ ޓީމު ވާދަކުރި ދެވަނަ ފަހަރެވެ.