ރައީސް ޔާމީނު ޤައުމާއި މުޚާޠަބްކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވެސް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރެއްވީ އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި އިންޞާފުން ކަމަށެވެ. ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކޮށް ކަމަށެވެ.
"ޝައްކެތް ނެތް ގޮތުގައި އަޅުގަނޑުގެ ގެއަށް ވަނީ ޙަލާލު ފައިސާއެއް ނޫން" ކަމަށް ވިދާޅުވީ ވެސް ހަމަ މި ރައީސް ޔާމީނެވެ. އަދި އެފައިސާ ބޭނުންކުރެއްވި ކަންކަން ވެސް ބަޔާންކޮށް ދެއްވީ ހަމަ މި ރައީސް ޔާމީނެވެ.
ޙަރާން ގޮތުގައި ގެކޮޅަށް ވެއްދި ފައިސާ ދައުލަތުގެ ޚަޒާނާ އާއި އަނބުރާ ޙަވާލުކުރެއްވި ކަމަކަށް ވިދާޅުވެފައެއް ނުވެއެވެ. އަދި ޙަވާލު ކުރައްވާފައެއްވެސް ނުވެއެވެ. "އެ ފައިސާ ބޭނުންކުރީ އަޅުގަނޑުގެ އަމިއްލަ ބޭނުންތަކަށް އެކަންޏެއް ނޫން. ޕީޕީއެމްގެ ބޭނުންތަކަށާ މަޖިލީހަށް ޕީޕީއެމުން ހޮވަން ބޭނުންވި މެނަބަރުން ހޮވަންވެސް ވެސް ބޭނުންކުރިން." ކަމަށް ވިދާޅުވީ ވެސް ހަމަ މި ރައީސް ޔާމީނެވެ.
ސުވާލުތައް އުފެދެނީ މިހިސާބުންނެވެ. އެމަނިކުފާނުގެ ގެކޮޅަށް ހަލާލު ނޫން ފައިސާތަކެއް ވެއްދިކަން އެނގިވަޑައިގަތުމުން އެ މައްސަލަ ތަޙްޤީޤް ކުރެއްވުމުގެ ބަދަލުގައި އެ ފައިސާ ބޭނުންފުޅު ކުރެއްވުމަކީ އެމަނިކުފާނު އެ ވިދާޅުވާ އިންޞާފު ކަމުގައި ވަނީތޯ ސުވާލު އުފެދޭތީއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ތެރޭގައި މިބާވަތުން ހިނގާފައި ހުރި ކަންކަމުގެ އަދަދު ކޮށްފިނަމަ ކޮންމެ ދުވަހަކަށް ކަމެއް ލިސްޓުކުރެވޭނެކަން އެއީ އެންމެންނަށް އެނގޭ ކަމެކެވެ. "އިންސާފު ޤާއިމުކުރުމަށް ވެރިކަމަށް ވެރިކަމަށް ވަޑައިގެން އުޞޫލެއްގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ނުކުރައްވާ" އިރު މިބާވަތުގެ ކަންކަންވެސް ކުރައްވާފައި މިވަނީ ހަމަ އިންޞާފުން ކަމަށާއި އުޞޫލެއްގެ ތެރެއިންކަމަށްވެސް ރައްޔިތުން ޤަބޫލުކުރަންވީތޯއެވެ؟
މިފަހަރުގެ ރިޔާސީ އިންތޚާބުގައި ބޮޑުތަނުން ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނީ އެއީ ރައީސް ޔާމީނުގެ އިންޞާފާއި އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ އުޞުލުތައް ކަމުގައިވާއިރު އެކަންކަން ރައްޔިތުން ބަލައިނުގަންނާތީއެވެ. ދިވެހި ރައްޔިތުންގެ ކިބައިން ރައީސް ޔާމީނަށް އެނގިވަޑައި ނުގަންނަވައިގެން އެ އުޅުއްވަނީ މިކަންކަން ކަމަށް ވެދާނެއެވެ.