މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގް ރޯޑު ތަރައްގީ ކުރުމަށްޓަކައި ރާތު އަޅައި ފުޅާ ކުރުމަށް، އެމަގުގައި ކުރިން ހުރި ރުއްގަސްތައް ޤަވާއިދާ ޚިލާފަށް ކަނޑާފައިވާތީ، އެންވައިރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އީޕީއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ދެކުނު ފަރާތާއި އުތުރު ފަރާތުގައި އިންދާފައި ހުޔރި ރުއްހަސްތައް އެމިނިސްޓްރީން ކަނޑާފައިވަނީ، ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގަވާއިދުގެ ދަށުން އީޕީއޭ އިން ނަގަން ޖެހޭ ހުއްދަ ނުނަގާ ކަމަށެވެ.
އެޤަވާއިދާއި ހިލާފަށް ރުއްގަސް ކަނޑާފައިވާތީ އީޕީއޭ އިން ވަނީ ހައުސިން މިނިސްޓްރީ 191،250 (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި އެފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެއެޖެންސީ އިން އަންގާފައިވެއެވެ.